ސްކޫލުތަކުގެ ކައުންސެލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

މިއީ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ އެފަދަ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލުގައި މިއަދު ފެށި އެ ވޯކްޝޮޕްގައި މާލޭގެ އިތުރުން ޅ، މ، ދ، ތ، ލ، ގއ، ގދ ފުވައްމުލައް އަދި އައްޑޫސިޓީގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ 33 ކައުންސެލަރުން ބައިވާ ކަމަށެވެ. އަދި ބުނީ އެ ވާކްޝޮޕް މިމަހުގެ 13 އިގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

މިއީ ސްކޫލް މާހައުލުގައި މަސައްކަތްކުރާ އިރު ދިމާވާ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް އެންމެ އެކަށޭނަ ގޮތެއްގައި ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ކައުންސެލަރުން ހޭލުންތެރި ކުރުވައި، ކުޑަކުދިން ރައްކާތެރި ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި ގާނޫނުތަކަށް ސްކޫލް ކައުންސެލަރުން އަހުލުވެރި ކުރުވުމަށް ބާއްވާ ވާކްޝޮޕެއް ކަަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލުތަކުގެ ކައުންސެލަރުން ތަމްރީންކުރުމަށް ފެށި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭގެ އިތުރުން އެ ވާކްޝޮޕްގެ ދަށުން ސްކޫލް މާހައުލުގައި ދަރިވަރުންނަށް ދިމާވާ މައްސަލަތައް އެކުދިންނާ ގުޅިގެން ހައްލު ކުރުމުގައި ކައުންސެލަރުންގެ ގާބިލްކަން އިތުރުކުރެވިގެން ދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ތަމްރީން ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާވިސާއި މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަނުން ވެސް ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.