05 Aug 2018, 12:39
ތ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެކަމުގެ އިޝާރާތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްވައިފި އެވެ.
ކެމްޕެއިނު ދަތުރެއްގައި މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ތ. އަތޮޅަކީ މިހާރު "މާލެއާ އެންމެ ދުރުގައި އޮތް އަތޮޅު" ކަމަށެވެ.
"އެހެންވީމާ މި ސަރަހައްދުގައި ވައިގެ މަގުން ދަތުުރުކުރެވޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމް ކުރަން އެބަ ޖެހޭ. މިއާ ދޭތެރޭގައި އަޅުގަނޑުމެން ސަރުކާރުން ވިސްނައި މިއަށް ގޮތެއް ހޯދައިދޭނަން،"
އިބޫ މިހެން ވިދާޅުވި އިރު، ތ. އަތޮޅު ތިމަރަފުށީގައި އެއާޕޯޓެއް ހިންގަ އެވެ.
ގުރައިދޫގެ މަގުތައް ހަދަން ޖެހިފައިވާ ކަމަށާއި ބޭރު ތޮށި ވެސް ހަލާކުވެފައިވާކަމަށް އިބޫ ވިދާޅުވި އެވެ.
"މިރަށަށް އަޅުގަނޑުމެން ކުރާ ތަސައްވަރުގައި އިރާދަކުރެއްވިއްޔާ މި ރަށުގެ މަގުތައް ހެދުން އަޅުގަނޑުމެން ހިމަނާނަން،" އިބޫ ވިދާޅުވީ ގުރައިދޫގެ ސިއްހީ ނިޒާމު ވެސް ހަރުދަނާކޮށް ރަނގަޅު ހިދުމަތްތަކެއް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ އިދިކޮޅުގެ ތަސައްވަރުތައް ފުރިހަމަކުރެވޭނީ ވެރިކަން ބަދަލުކުރެވިގެން ކަމަށާއި 23 ސެޕްޓެމްބަރުގައި ލާ ވޯޓު އޮޅުވާލިޔަ ނުދޭނެ ކަމަށެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނުވަ ރަށަކަށް އިބޫ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.