05 Aug 2018, 11:52
ދިވެހިންގެ ތެރޭގައި މަގުބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ދެވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު ގިނަ ބަތަކު ތިބީ އެ ޑްރާމާގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. ސޯޝަލް މީޑިއާގައިވެސް އެ ޑްރާމާގެ ޓްރެއިލާ މިވަނީ ބާރަށް ފެތުރިފައެވެ.
ދިވެހިންގެ ތެރޭގައިވެސް ހިންދީ ޑްރާމާ ބަލާ ގިނަ ބަޔަކު މިހާރުވެސް އުޅެއެވެ. "ކަސޯޓީ" އަކީ ހާއްސަ ކޮށް ދިވެހިންނަށްވެސް ވަރަށް ކަމުދިޔަ ޑްރާމާ ސިލްސިލާ އެކެވެ. ގޭގައި ޓީވީއެއް ނެތިއްޔާ ޑްރާމާ ފެށުމުގެ ކުރިން ޓީވީ ހުންނަ ގެއަކަށް ބައެއް މީހުން ދާ ހަނދާންވެސް އެބަހުއްޓެވެ. އެގޮތުން ނުބެލިއްޖިއްޔާ ރައްޓެއްސަކު ލައްވާ ރެކޯޑުކޮށްގެން ވެސް ބަލައެވެ. ނުވަތަ ފިލްމު ދޫކުރާ ތަންތަނުން ކުއްޔަށް ގެނެސްގެންވެސް ބެލިއެވެ. އެއީ އޭރުގެ ހަނދާންތަކެވެ.

ކުރީގެ "ކަސޯޓީ" ގެ ބަތަލާ ޕްރޭނާ...
އެކްތާކަޕޫރު އުފެއްދި އެ ޑްރާމާގެ ދެވަނަ ސީޒަނެއް ސެޕްޓެމްބަރ މަހުގެ ދިހަ ވަނަ ދުވަހު ދައްކަން ތައްޔާރުވަމުން އަންނަ އިރު ދިވެހި ޒުވާނުންގެ ފޭސްބުކް އަދި ޓްވިޓާގައިވެސް ޝެއާކުރަމުން ދަނީ "ކަސޯޓީ"ގެ ޓްރެއިލާ ކޮޅެވެ.
ދިވެހިންނަށް ވެސް އެ ޑްރާމާ ކަމުދިޔައީ ސަބަބެއް ނެތި އެއް ނޫނެވެ. "ކަސޯޓީ"ގެ އޭރުގެ ކާސްޓުން ހަމަ ބެލުންތެރިންގެ ހިތްތައް ކަތިލީއެވެ. ލޯބީގެ ކުޅިގަނޑެއްގައި ބެލުންތެރިން ޑްރާމާގެ ޖާދޫގައި ރަނގަޅަށްވެސް ޖެއްސުވީއެވެ. އެ ތަރިންގެ އެކްޓިން ހައިރާންވާހާ މޮޅެވެ.

ކުރީގެ "ކަސޯޓީ" ގެ ބަތަލް އަނޫރާގު....
"ޗާހަތްކޭ ސަފަރް މޭ" ލަވައިގެ މިތަންކޮޅު ކަންފަތުގައި ޖެހޭ އިރު ވެސް އޭރުގެ "ކަސޯޓީ"ގެ ލީޑު އެކްޓްރެސް ޕްރޭނާ ހިތުގައި ކުރެހޭ ކަހަލައެވެ. ޕްރޭނާ އާއެކު އަނޫރާގު ބަތަލްގެ ރޯލުން ފެނިގެންދާއިރު އެދެމީހުންގެ ލޯބީގެ ވާހަތަކަތައް ވަރަށްވެސް ހިތްގައިމެވެ. ދެމީހުން އެކީ ކައިވެނިކޮށް ލޯބިން އުޅުނު ދުވަސްތައް ވެސް ދައްކުވައިދެއެވެ.
އޭރުގެ "ކަސޯޓީ"އިން ވިލަންގެ ރޯލުން ފެންނަނީ ކޮމަލިކާ އެވެ. އޭނާ ކުޅުނު ނުބައިބައި ރޯލުން ޑްރާމާ ނިމިގެން ދިޔައިރުވެސް އިންތިހާއަށް އޭނާ ދެެކު ރުޅި އެރިއެވެ. ދެން ފެނިގެންދަނީ ބަޖާޖެވެ. އޭނާވެސް ހާދަހާ ކުޅަދާނައެވެ.
"ކަސޯޓީ" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ....
"ކަސޯޓީ" ދެވަނަ ސީޒަން ފެށުމަށް ތައްޔާރީ ތަކެއް ވަމުން އަންނަ އިރު މިހާރު މިވަނީ ޑްރަމާގެ ބައެއް ކާސްޓުންވެސް އިއުލާން ކޮށްފައެވެ. ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޭޒް ކަމަށް އެކްތާ ކަޕޫރު ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓޫތައް ބުނާ ގޮތުގައި އަނޫރާގުގެ ރޯލުން ފެނިގެންދާނީ "ކެއިސީ ހޭ ޔާރިއާން" ގައި މުހިއްމު ރޯލެއް އަދާކުރި ޕާރްތް ސަމްތާން އެވެ.
ކޮމަލިކާގެ ރޯލުން ފެންނާނީ ކޮން ތަރިއެއްކަމަށް އިންތިޒާރުކަމުން ދަނިކޮށް ހަބަރުތައް ފެތުރުނީ އެ ރޯލުން މި ސީޒަންގައި ފެންނާނީ ހީނާ ހާން އެވެ. އޭނާ އަކީ "ޔޭ ރިޝްކާ ކިޔާ ކެހެލާތާ ހޭ"ގައި އަކްޝަރާގެ ރޯލު ކުޅުނު ހުނަރުވެރި ބަތަލާއެވެ. ބަޖާޖުގެ ރޯލަށް މީހަކު ހަމަޖެއްސިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކުރީގެ "ކަސޯޓީ" ގެ ވިލަން ކޮމަލިކާ....
މިފަހަރުވެސް މިތިބީ ހުނަރުވެރި ތަރިންތަކެވެ. ޑްރާމާ ތަކުން ފެނިގެންގޮށްފައިވާ ތަރިންނެވެ. ސުވާލަކީ "ކަސޯޓީ"ގެ ފުރަތަމަ ސީޒަންގައި ތަރިން ދެއްކި މޮޅު އެކްޓިން މި ފަހަރުގެ ސީޒަންގައި ތަރިންނަށް ދެއްކިދާނެ ބާވައެވެ؟ ޖަޖު ކުރާނީ ހަމަ ބެލުންތެރިންނެވެ.