ރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށް ބުނެ ސަރުކާރުގެ އިސް ފަރާތްތަކުން ވާހަކަ ދައްކަނީ ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބު ފަސްކުރުމަށް ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އެހެން ވިދާޅުވެފައި ވަނީ، ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އޭނާގެ ޕާސަންލަ ފޭސްބުކް ޕޭޖު މެދުވެރިކޮށް ރޭ އެކަން ސަމާލުކަމަށް ގެންނަވާފައި ވަނިކޮށެވެ.

ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ގާދިއްފުއްޓަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާކަމަށް ބުނެ ޑިފެންސް މިނިސްޓަރުގެ އަމިއްލަފުޅު އެކައުންޓުން އިއުލާން ކުރެއްވުމުން އެކަން ސީރިއަސްކޮށް ރައްޔިތުން ނުނަގާ ކަމަށެވެ. ރާއްޖެ އަށް ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އޮތް ނަމަ އެކަން ރަސްމީކޮށް ފުލުހުންނާއި ސިފައިންގެ އިދާރާތަކުން ރައްޔިތުންނަށް އަންގަން ޖެހޭނެ ކަން އިބޫ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް މި ފެނުނީ އެއީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެ އިންތިހާބު ފަސްކުރުމާއި ނޫނިއްޔާ އެ އިންތިހާބު އޮޅުވާލުމާއި ނޫނިއްޔާ އެއިންތިހާބުގައި ވޯޓުލާން ތިބި ފަރާތްތަކަށް ބިރު ދެއްކުމަށް ޓަކައި ]ކުރި ކަމެއްގެ] ގޮތުގައި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖެއަށް ނުރައްކަލެއް އޮތް ނަމަ ޑިފެންސް މިނިސްޓަރުގެ ކުރިން އެންމެ ފުރަތަމަ އެކަމަށް އިސްވެ ތެދުވާނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އިދިކޮޅުގެ ސިޔާސަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން ކަމަށެވެ.

"އެއީ ސީރިއަސް ކަމެއް ކަމުގައި ވަނީ ނަމަ އެކަން ކުރައްވަން ޖެހޭނީ އެހެންނަކުން ނޫން. ރަސްމީކޮށް ޑިފެންސް މިނިސްޓްރީ ނޫނިއްޔާ ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް އެއާ ދޭތެރޭގައި ކުރަންވާ ކަންތައްތައް ކުރަން ވާނީ،" އިބޫ ވިދާޅުވި އެވެ.

ފޭސްބުކު ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުންނާއި ސިފައިން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެއްވެސް ރައްޔިތަކަށް ލިބިއްޖެ ނަމަ އެކަން ލަސް ނުކުރައްވައި ފުލުހުންނާއި ސިފައިންނަށް އެންގުމަށް ޑިފެންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.