ދުނިޔެ ދުށް އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލެބްރޯން ޖޭމްސްއަކީ ވިސްނުން ތޫނު މީހެއް ނޫން ކަމަށް ވިދާޅުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ފާއިތުވި ހޯމަ ދުވަހުގެ ރޭ ލެބްރޯން ވަނީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޑޮނަލްޑް ޓްރަމްޕަކީ މީހުން ބައިބައި ކުރަމުންދާ މީހެއް ކަމުގައި ބުނެފައެވެ. އަދި ކުޅިވަރުގެ ދުނިޔެ ވެސް ޓްރަމްޕް ބައިބައި ކުރަމުންދާ ކަމުގެ ތުހުމަތު ލެބްރޯން ކުރިއެވެ.

އެ ތުހުމަތުތަކަށް ފަހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ލެބްރޯން އިންޓަވިއު ކުރި ސީއެންއެންގެ ޕްރެޒެންޓަރު ޑޮން ލެމަން އަކީ ޓީވީއަށް އަރާ މީހުންގެ ތެރެއިން "އެންމެ މޮޔަ މީހާ" ކަމަށެވެ. އަދި ލެމަންގެ ވާހަކަތައް ހުރި ގޮތުން ލެބްރޯން އަކީ ވިސްނުން ތޫނު މީހެއްގެ ގޮތުގައި އިންޓަވިއުއިން ފެނިގެން ދިޔަ ކަމަށާއި، އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ލެބްރޯން އަކީ ވިސްނުން ތޫނު މީހެއް ނޫން ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވާ އިރު ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން އޭނާއަށް ފާޑުކިޔަމުންނެވެ. ޓްރަމްޕްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ޓްރަމްޕުގެ ވާހަކަތަކަކީ ރައީސަކާ އެކަށީގެންވާ ފެންވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ.

މަޝްހޫރު ބާސްކެޓުބޯޅަ ކުޅުންތެރިޔާ ލެބްރޯން ޖޭމްސް--

ލެބްރޯންއަށް އަމާޒުކޮށް އެހެން ވިދާޅުވި ނަމަވެސް، ބާސްކެޓްބޯޅައިގެ ލެޖެންޑެއް ކަމަށްވާ މައިކަލް ޖޯޑަން ދެކެ ގަޔާވާ ކަމަށް ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވި އެވެ. އެހެން ނަމަވެސް، އެފަހުން އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން މައިކަލް ޖޯޑަން ވަނީ އޭނާ ލެބްރޯންގެ މަސައްކަތްތަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ޓްރަމްޕްގެ ޓްވީޓަށް ފަހު އޭނާގެ އަނބިކަނބަލުން މެލެނިއާ ވެސް ވަނީ ލެބްރޯންއަށް އިޖްތިމާއީ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ އޭނާއަށް ތާއީދު ކުރައްވައިފައެވެ.

ހޯމަ ދުވަހު ސީއެންއެން އިން ދެއްކި ލެބްރޯންގެ އިންޓަވިއު އަކީ، ލެބްރޯން އޭނާގެ އުފަށް ރަށް ކަމަށްވާ އޮހައޯގެ އެކްރޮންގައި، ފަގީރު އާއިލާތަކުގެ ކުދިންނަށް ތައުލީމު ހާސިލު ކުރެވޭނެ ސްކޫލެއް ހުޅުވުމާ ގުޅިގެން ދެއްކި އިންޓަވިއުއެކެވެ.