05 Aug 2018, 09:58
ދިވެހިންގެ މެދުގައި ވެސް މަޝްހޫރުވެގެން ދިޔަ ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ"ގެ ދެވަނަ ސީޒަނެއް ފަށަން ތައްޔާރުވެފައިވާ އިރު، އަދި އެއްފަހަރު އެ ސީރީޒްގައި މަސައްކަތް ކޮށްލަން ބޭނުން ކަމަށް، "އަނޫރާގް ބާސޫ"ގެ ރޯލުން ފެނިގެން ދިޔަ ސެޒޭން ޚާން ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސެޒޭން ބުނީ ކަސޯޓީގެ ދެވަނަ ސީޒަނެއް އަންނާތީ ވަރަށް ބޮޑަށް އުފަލުން ހުރި ކަމަށެވެ.
"މިއީ އަހަރެންގެ ހިތާ ވަރަށް ގާތް ޝޯ އެއް. އަހަރެން މީހަކަށް ހަދައިދިނީ މި ޝޯ އިން. އެހެންވީމާ ރީބޫޓް އަށް ވަރަށް ބޮޑަށް އިންތިޒާރު އެބަ ކުރެވޭ،" ސެޒޭން ބުންޏެވެ.
ސެޒޭން ބުނީ ދެ ވަނަ ސީޒަންގެ ޓީޒާ ފެނުމުން ވަރަށް ގިނަ ހަނދާންތަކެއް އާވެގެން ދިޔަ ކަމަށާއި މިފަހަރު އަނޫރާގްގެ ކެރެކްޓާ ކުރިއަށް ގެންދާނެ ގޮތެއް ބަލަން ބޭނުންވެފައި ހުރި ކަމަށެވެ.
އަދި ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުން އޭރު ގިނަ އެޕިސޯޑުތައް ނުބެލުނު ކަމަށާއި ނަމަވެސް ދެވަނަ ސީޒަންގެ ހުރިހާ އެޕިސޯޑެއް ބަލަން ތައްޔާރަށް ހުރިކަން ވެސް ސެޒޭން ހާމަކުރި އެވެ.
"އަލުން އަނޫރާގްގެ ރޯލު ކުޅެލަން ބޭނުން. އެކަމަކު މިފަހަރު އޮތީ މުޅިން ޒުވާން ކާސްޓެއް،" އަނޫރާގް ބުންޏެވެ.
ކަސޯޓީގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޑްރާމާގައި ޕްރޭނާގެ ރޯލުން ފެނިގެން ދާނީ ޓީވީ ބަތަލާ އެރިކާ ފާނަންޑެޒް އެވެ. ނަމަވެސް ޑްރާމާގެ ކާސްޓް އަދި ޔަގީން ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އަނޫރާގް ގެ ކެރެކްޓާ އަދާކުރާނީ އަބީމަންޔު ޗައުދަރީ ނުވަތަ ޕާރްތު ސަމްތާން އެވެ. އަދި ކޮމަލިކާގެ ކެރެކްޓާ އަދާކުރާނީ މަޝްހޫރު ޓީވީ އެކްޓަރު ހީނާ ޚާން އެވެ.