05 Aug 2018, 09:27
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ތ. އަތޮޅަށް އަދި އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.
ތ. އަތޮޅުން އިބޫ އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އެ އަތޮޅު ތިމަރަފުއްޓަށެވެ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ޖަލްސާ އެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އެ ދަތުރުފުޅުގައި އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ތިމަރަފުއްޓަށް ފަހު އެއަތޮޅު ގާދިއްފުއްޓާއި ގުރައިދޫ، މަޑިފުށި، ވިލިފުށި އަދި ހިރިލަންދޫ އަށް ވެސް އިބޫ ވަޑައިގަންވާނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ. ތ. އަތޮޅަށް ފަހު ލ. އަތޮޅުގެ ރަށްރަށަށް ވެސް އިބޫ ވަޑައިގަތުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން އިބޫ ވަނީ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ އާއި ފުވައްމުލަކު ސިޓީ އަށް އަދި ބ. އަތޮޅަށް ވެސް ކުރިން ވަޑައިގެންފަ އެވެ.
އިބޫގެ ރަނިންމޭޓު ފައިސަލް ނަސީމު ވެސް ވަނީ ވ. އަތޮޅަށް ކެމްޕެއިން ދަތުރެއް މިއަދު ފައްޓަވައިފަ އެވެ.
ކެމްޕެއިން ދަތުރުފުޅުތަކުގައި ޖަގަހަތައް ހުޅުވުމާއި ރައްޔިތުންނާ ބައްދަލުކުރެއްވުން އަދި ޑޯ ޓު ޑޯ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.