އަންކަރާ(އޮގަސްޓް 5): ތުރުކީގެ ދެ ވަޒީރަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައި ތުރުކީންވެސް އެމެރިކާގެ ދެ ވަޒީރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާބެހޭ ވަޒީރާއި އެމެރިކާގެ އެޓާނީ ޖެނެރަލްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމައި އެކަން ތަންފީޒުކުރުމަށް ތުރުކީގެ ސަރުކާރުގެ އިދާރާތަކަށް އިއްޔެ އޭނާ އަންގާފައިވާނެ ކަމުގައެވެ. ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ އަންހެނުންގެ ގޮތްޕާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެމެރިކާއަށް ދޫދީފިނަމަ ނަތީޖާ މާގޯސްވާނެ ކަމަށާއި އެމެރިކާ އަޅާ ކޮންމެ ފިޔަވަޅަކަށް ތުރުކީންވެސް ފިޔަވަޅެއް އަޅާނެކަމުގައެވެ.

ތުރުކީން އެމެރިކާގެ ދެ ވަޒީރުންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީގައިވާ އެދެ ބޭފުޅުންގެ އެސެޓްތަކާއި އެކައުންޓްތައް ހިފެހެއްޓުމާއި ތުރުކީއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން އެދެ ބޭފުޅުންނަށް މަނާކުރުމެވެ.

ޖާސޫސުކުރުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ތުރުކީން އެމެރިކާގެ ފާދިރީއެއްކަމަށްވާ އެންޑްރޫ ބްރަންސޮން ހައްޔަރުކޮށް އޭނާއާމެދު ޝަރީޢަތް ހިންގާތީ އެމެރިކާ މިދިޔަ ހަފްތާގައިވަނީ ތުރުކީގެ ދެ ވަޒީރުން ކަމަށްވާ ދާޚިލީ ވަޒީރާއި އަދްލުއިންސާފާބެހޭ ވަޒީރާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގައިވާ އެދެ ބޭފުޅުންގެ އެސެޓްތަކާއި އެކައުންޓްތައް ހިފެހެއްޓުމާއި އެމެރިކާއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން އެދެ ބޭފުޅުންނަށް މަނާކުރުމެވެ.

އުރުދުޣާން ވަނީ ބްރަންސޮންގެ މައްސަލާގައި ތުރުކީގެ ދައުލަތާއި ޝަރުޢީ ނިޒާމުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވާފައެވެ. ތުރުކީއަކީ އެމެރިކާ ނިއުކްލިޔަރ ހަތިޔާރުވެސް ރައްކާކޮށް އެމެރިކާގެ ގިނަ ކޮންވެންޝަނަލް ހަތިޔާރުތަކެއްވެސް ރައްކާކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހެއް އޮންނަ ގައުމެކެވެ. ތުރުކީގެ އެންޖަލިކް ވައިގެ ބޭސް ބޭނުންކުރުމުގެ ފުރްސަތު އެމެރިކާއަށް ނުދީފިނަމަ އެއީ މެދުއިރުމަތީގައި އެމެރިކާއަށް އަސްކަރީ ގޮތުން ކުރިމަތިވާ ފޫނުބެއްދޭ ވަރުގެ ގޮންޖެހުމަކަށްވާނެއެވެ.

މިމައްސަލާގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ކަންބޮޑުވުން ފަޅުކުރައްވައި ތުރުކީއާ ގުޅުންތައް ރަނގަނޅުކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މައްސަލަ ހައްލުކުރުމަށްޓަކައި ތުރުކީގެ ޚާރިޖީ ވަޒީރާ ސިންގަޕޫރުގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތައް ސިލްސިލާ ގޮތެއްގައި ދުވަސްތަކެއް ވަންދެން ކުރިޔަށް ހިނގައިދާނެ ކަމަށް ޕޮންޕެއޯ ވިދާޅުވިއެވެ.

ތުރުކީއާއި އެމެރިކާއާ ދެމެދު ޖެހިފައިވާ މައްސަލަތަކުގެތެރޭގައި އީރާނާދެކޮޅަށް އެމެރިކާ އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތުރުކީގެ އެއްބާރުލުން ނުލިބުމާއި ތުރުކީގެ ވެރިކަން ފުރޮޅާލުމަށް 2016 ވަނައަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ފަތްހުﷲ ގުލެން އަށް އެމެރިކާއިން ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި ސޫރިޔާގެ ކުރުދީ ބާޣީ ޖަމާއަތްތަކަށް އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ތުރުކީން ރަޝިޔާއިން ބައެއް ހަތިޔާރު ގަތުމަށް ނިންމި ނިންމުން ހިމެނެއެވެ.

(ނޫސް އެޖެންސީތައް)