އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް، ދިވެހި ސަރުކާރުން ބޯހިޔާވަހިކަމަށް ފަށްޓަވާފައިވާ "ހިޔާ" މަޝްރޫއާބެހޭ ހާއްސަ ޕްރޮގްރާމެއް، އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބާއްވައިފިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ގައި މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ބޭއްވި އެ ޕްރޮގްރާމްގައި، ލަންކާގައި އުޅޭ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވިއެވެ.

ރާއްޖޭގެ އެމްބަސީން ބުނީ އެ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ބޭފުޅުން ކަމަށެވެ.

ރާއްޖޭގެ އެމްބަސީން ބުނީ މާލެއެކޭ އެއްގޮތަށް، ފްލެޓަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާ ބަލައިގަތުމުގެ އިންތިޒާމް އެމްބަސީއިން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިއަދުގެ ސެޝަންގައި ވީހާ ވެސް ފަސޭހައިން ފްލެޓަށް އެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފޯމު ފުރުމުގައި ދިމާވާ ދަތިތަކާ އަރާ އޮޅުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްބަސީން ބުންޏެވެ.

"ފޯމް ފުރުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާތީވޭ ލަންކާގައި ހުންނަވާ ސަފީރު މުންދު ހައުސިން މިނިސްޓަރު މުއިއްޒުއާ ވާހަކަދައްކައިގެން އިންތިޒާމް ކުރެއްވި ސެޝަނެއް މިއީ،" އެމްބަސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ސަރުކާރުން ވަނީ މި އޯގަސްޓް މަހުގެ 31 އާ ހަމައަށް ހުޅުވާލާފައެވެ. އެމްބަސީން ބުނީ އެ މުއްދަތު ތެރޭ އެމްބަސީ މެދުވެރިވެގެންވެސް ފޯމް ހުށަހެޅޭނެ ކަމަށެވެ.