04 Aug 2018, 21:55
މާލޭގެ ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށް ސީދާ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓް އަޅައިދޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
މާލޭގައި މިއަދު "ޖަޒީރާ މައިޒާން" ނަމުގައި ޖަގަހައެއް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާލޭގެ ގޭގެއަށް ގޮސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ މައުލޫމާތު ހޯދަމުން ދާ ކަމަށެވެ. އަދި މީގެ ކުރިން ދިމާވެފައި ހުރި ދަތިތައްވެސް ފާހަގަ ކުރެއްވިފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އެގޮތުން އެންމެ ބޮޑު ދަތިތަކަމެއް ގޮތުގައި ފާހަގަކުރެވުނީ މާލެ ތޮއްޖެހި ދިރިއުޅެން ދަތި ތަނަކަށް މާލެ ވެފައިވާ ކަން ކަމަށް އިބޫ ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ އެންމެނަށް ހުރިހާ ރައްޔިތުންނަށް ގެދޮރުގެ އެހީތެރިކަން ލިބޭނެ ގޮތް ފޯރުކޮށްދޭއިރު ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް، ސީދާ މާލޭގެ ރައްޔިތުންނަށް ގެދޮރުގެ އެހީތެރިކަން ފުއްދޭ ވަރަށް ގެދޮރު ނުނީޔާ ފްލެޓް އަޅާދީ އެއަށް ހައްލެއް ހޯދައިދޭނަން" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލޭގެ ރައްޔިތުންނަށް 4000 ނޫނީ 5000 ބޯހިޔާވަހިކަން އެބަ ބޭނުންވާ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ އޮތް އަނެއް ދަތިކަމަކީ ޓްރެފިކްގެ މައްސަލަ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ދިރިއުޅުމުގައި ރައްޔިތަކަށް ބޭނުންވާނެ އަސާސީ ހުރިހާ ދަތިކަމެއް މާލޭގައި އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯ ތަފްސީލުވެގެން ދާއިރުގައި، ރައްޔިތުންނަށް މި ބޭނުންވާ ބޭނުންތަކުގެ ތަފްސީލުތައް އަޅުގަނޑުމެން ހާމަ ކުރަމުން ދާނަން" އިބޫ ވިދާޅުވި އެވެ.
ރައީސް ޔާމީންވެސް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވިލިމާލޭ ފޭސް ދެއަކުން 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.