04 Aug 2018, 20:38
ކުރިއަށް ދުވަސްތަކުގައި ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކު ޕޭޖުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވިދާޅުވީ ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުންނާއި ސިފައިން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"ވީމާ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތެއް ލިބިއްޖެ ނަމަ ވަގުތުން އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރިޕޯޓު ކުރެއްވުން އެދެން" އާދަމް ޝަރީފު ވިދާޅުވި އެވެ.
ދިވެހި ގައުމުގެ މިނިވަން ކަމާއި ސިޔާދަތާއި މާތްވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައި ސިފައިން ގާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމާއި، ސިފައިންގެ ގާނޫނުގެ ދެވަނަ މާއްދާގައި ވާ މަގުސަދުތަކާއި އަށްވަނަ މާއްދާގައިވާ ގާނޫނީ ވާޖިބުތައް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން" އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު އެހެން ވިދާޅުވެފައި ވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ޕާޓީތައް އަދި ޕީޕީއެމްވެސް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.