މެލޭޝިއާގައި ދިރިއުޅޭ އާއިލާތާއި ކިޔަވާ ކުދިންނާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޔާމީނަށް ތާއީދު އިތުރު ކުރެއްވުމަށް ޝަހީމް މެލޭޝިއާއަށް ވަޑައިގަތީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގެ ތެރެއިން ޝަހީމް ވަނީ މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހީންގެ އާއިލާތަކާ ބައްދަލުކުރައްވާފަ އެވެ.

"ރައީސް ޔާމީނަށް ކުރައްވާ ތާއީދާއި އަޅުގަނޑާ މެދު ބެހެއްޓެވި ގާތްކަމަށްޓަކައި ކުއަލަލަމްޕޫރުގައި ދިރިއުޅުއްވާ ދިވެހި އާއިލާތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މެލޭޝިއާގެ ސަންވޭގައި ދިރިއުޅޭ ކިޔަވާ ކުދިންނާވެސް ޝަހީމް ވަނީ މިއަދު ބައްދަލު ކުރައްވާފަ އެވެ.

"ސަންވޭގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލުވުމަކީ ލިބުނު އުފަލެއް. ލިބުނު ދައުވަތަށްޓަކައި އަދި މެހެމާން ދާރީއަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މެލޭޝިއާގައި ހަތަރު ދުވަސް ހޭދަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. އަދި މެލޭޝިއާއިން އެނބުރި ވަޑައިގެން ހދ. އަތޮޅަށް ދަތުރުކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހީމް ވަނީ މީގެ ކުރިން ގއ. އަތޮޅަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.