މި ސީޒަނުގެ ބާސެލޯނާގެ ޓާގެޓް ކުޅުންތެރިއެއްކަށްވާ އޭސީ މިލާނުގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ކުލަބުގައި ހުރީ އުފަލުގައި ކަމަށް އޭނާގެ އެޖެންޓް ޕައޮލޯ ޓޮނީޓޯ ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ބާސެލޯނާ އާ ދެކޮޅަށް ރަށުން ބޭރުގައި އޭސީ މިލާން ކުޅުނު މެޗުގައި އިދިކޮޅު ޓީމު ބަލިވަމުން ދަނިކޮށް އެންމެ ފަހު މިނެޓުގައި ސަލާމަތްކޮށްދިން ތިއާގޯ ސިލްވާ އަށް ހުށަހެޅުންތަކެއް އަންނާނެކަމަށް ދުރާލާ ތައްޔާރުވެގެން ހުރިކަމަށް އޭނާގެ އެޖެންޓް ޓޮނީޓޯ ބުނެފައިވެއެވެ.

ބާސެލޯނާ ކަހަލަ ޓީމެއް ތިއާގޯ ސިލްވާ ހޯދަން އުޅުނީމަ އުފާކުރަން. އެއީ މިވަގުތު ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ޓީމަކީ. ބޮޑެތި ކުލަބުތަކުން ކުޅުންތެރިން ހޯދުމަށް ހުށަހެޅުމަކީ އާންމު ކަމެއް. ތިއާގޯ ސިލްވާ އޭސީ މިލާނާއެކު ހުރީ އުފަލުގައި އަދި އޭނާ ވަނީ ކުލަބުގެ ކޮންޓްރެކްޓް 2016 އާއި ހަމައަށް އާކޮށްފައި. އޭނާ ކުލަބުގައި ހުރީ އުފަލުގައި." އެޖެންޓް ޓޮނީޓޯ ބުންޏެވެ.

ބްރެޒިލްގެ ފްލެމިނެންސަށް ކުޅުމަށްފަހު 2009 ވަނަ އަހަރު މިލާނަށް ބަދަލުވެ އެކުލަބުގެ ޑިފެންސް ލައިން ވަރަށް ހުނަރުވެރިކަމާއެކު ބަލަހައްޓަމުން ދެއެވެ. އޭސީ މިލާނާއެކު ތިއާގޯ ސިލްވާ ކޮންޓްރެކްޓް އާކުރުމުން، 30 ޖޫން 2016 އަކާއި ޖެހެންދެން އެކުލަބަށް ކުޅޭނެއެވެ.