04 Aug 2018, 13:16
ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންގެ ނަމުގައި ސިޔާސީ ޕާޓީތަކުންނާއި މިޑިއާތައް މެދުވެރިކޮށް އެމީހުންގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެގޮތަށް އަމަލު ކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތާއީދު ހޯދުމަށް ގައިދީންގެ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން ހަރަކާތްތައް ހިންގުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންގެ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން އެމީހުން ކުރިއަށްނެރެ، ޝަހުސު އޮޅޭ ގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ހަރަކާތްތަކެއްކަން ފާހަގަކުރެވިފައިވާތީ ހެދިފައިވާ ގާނޫނުތަކާ ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ނުހިންގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މިފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދާ އެފަރާތްތަކުގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ ޝަހްޝު އޮޅޭ ގޮތަށް ހިންގާ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކާ މެދު ގާނޫނީ ފިޔަވާޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީ އިންވެސް މީގެ ކުރިން ވަނީ ދީފަ އެވެ.
ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޖަލު ހުކުމެއް އިއްވާފައިވާ އެހެން ސިޔާސީ ލީޑަރުން ދެއްވާ ސްޓޭޓްމަންޓުތަކާއި ކުރައްވައި ޓްވީޓްތައް މީޑިއާގައި އަންނަނީ ގެނެސްދެމުންނެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ކުރީގެ ރައީސް މައުމޫނާއި ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނުގެ ފޮޓޯ ވަނީ ހިމަނައިފައެވެ.