18 Sep 2011, 11:57
ޤައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަން ވޮލީ މުބާރާތް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ، މުބާރާތް މިމަހުގެ 26 އިން އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، މިފަހަރުގެ މުބާރާތުގައި 13 ޓީމަކުން ވަނީ ބައިވެރިވެފައިވާ ކަމަށެވެ.
މިއީ މިހާތަނަށް ދެ ވަނަ ޑިވިޝަންގެ ވޮލީ މުބާރާތެއްގައި އެންމެ ގިނަ ޓީމް ބައިވެރިވި ފަހަރެވެ.
ހުސެން ވިދާޅުވީ، ބައިވެރިވި 13 ޓީމްތަކުގެ ގުރުލުން މިއަދު ހަވީރު ވޮލީ އެސޯސިއޭޝަންގެ އޮފީހުގައި އޮންނާނެ ކަމަށެވެ.
" 13 ޓީމް ބައިވެރިވި ކަމުގައި ވިޔަސް، ގުރުލުމަށްފަހު އެ އަދަދު މަދުވެސް ވެދާނެ. މިބަލަނީ 13 ޓީމް ވެސް ބައިވެރިވާނެ ކަމަށް. އެހެންވެއްޖެނަމަ މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށް ވެސް ގިނަ މެޗްތަކެއް ކުޅެވޭނެ" ހުސެން ވިދާޅުވިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ މުބާރާތުގެ އެންމެ މޮޅު ދެ ޓީމް، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެއެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އަދި ފުރަތަމަ ޑިވިޝަނަގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.