04 Aug 2018, 12:43
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯހިލު މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވައިފި އެވެ. އެ ހަރަކާތުގައި އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓު ފައިސަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިއަދުގެ ދޮރުން ދޮރަށް ހަރަކާތް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންގެ ހިޔާލާއި ކަންބޮޑުވުން އަޑުއައްސަވާނެ ކަމަށާއި ސިޔާސަތުތައް ކަނޑައެޅުމުގައި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
"ވޯޓުލުމާ ދެތެރޭ މިއޮތީ ވަރަށް ކުޑަދުވަސްކޮޅެއް. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް ބޭނުންވެފައި ހުރީ ކޮން ކަންތައްތަކެއްތޯ ބަލައި މިހާރު ދަތިވެފައި ހުރީ ކޮން ކަންތަކެއްތޯ ބަލައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަންތައްތައް ހާސިލްކޮށްދިނުމަށް ހިންގޭނެ ޕްރޮގްރާމުތައް އެކުލަވާލުން،" އިބޫ ވިދާޅުވީ އަމާޒަކީ ވީހާ ވެސް ގިނަ ގެއަކަށް ޒިޔާރަތް ކުރުން ކަމަށެވެ.
އަދި މިހާތަނަށް މާލޭގައި އެއްވުމެއް ބާއްވަން އަދި ނޭދޭ ކަމަށް އިބޫ ވިދާޅުވި އެވެ. އުއްމީދަކީ ހުރިހާ ޕާޓީތަކަށް އެއްވަތަކަށް ފުރުސަތު ލިބުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މިއަދު ހެނދުނާއި މެންދުރު ފަހު ވެސް ގޭގެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ކެމްޕެއިނަށް އިބޫ ލ. އަތޮޅަށާއި ތ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިބޫ މާލޭގެ ދޮރުން ދޮރަށް މިއަދު ހިންގަވާއިރު މީގެ ކުރިން ވެސް ވަނީ މޭލޭގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވައިފަ އެވެ. މީގެ އިތުރުން ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެލުމަށް ގޭގެއަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.