ކާބުލް (އޮގަސްޓް 4) : އަފްޣާނިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 35 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނީ އަފްޣާނިސްތާނުގައި އިރުދެކުނުގެ ބެކްޓިޔާ ސްޓޭޓްގައި ޣަރްދީޒްގައި ހުންނަ އެ މިސްކިތަކީ ޝިޔައީންގެ މިސްކިތެއްކަމަށާ އެމިސްކިތުގައި ބޮން ގޮއްވާލީ އިއްޔެގެ ހުކުރު ނަމާދަށް މީހުން އަރައި މިސްކިތް ތޮއްޖެހިފައިވާ ވަގުތުގައި ކަމުގަ އެވެ.

އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ މިޖަރީމާ ހިންގީ ބުރުގާ އަޅައިގެން އަންހެނުންކަމަށް ހެދިގެންތިބި ފިރިހެނުންކަމަށާއި ބޮން ގޮއްވާލީ އޭގެތެރެއިން ދެމީހަކު އަމިއްލައަށް މަރުވެގެންކަމުގަ އެވެ. މިސްކިތްތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދީ އަޅުކަންކުރާ މީހުން މެރުމަކީ ތާލިބާން ޖަމާއަތުން ވަރަށް ގިނައިން ކުރަމުން ގެންދާކަމެކެވެ. އަފްޣާން ތާލިބާނުންގެ އިތުރުން ޕާކިސްތާނުގެ ތާލިބާނުން ވެސް މިސްކިތްތަކުގައި ނަމާދުކުރަންތިބޭ މީހުންނަށް ބޮމުގެ ޙަމަލާތައް އަމާޒުކުރެ އެވެ.

ތުރުކީވިލާތުގެ އަނަތޯލިޔާ ނޫސް އެޖެންސީން ބުނެފައިވަނީ އަންހެނުންގެ ހެދުން އަޅައިގެން ޣަރްދީޒްގެ މިސްކިތަށް ވަންމީހުން އަމިއްލަ ހަށިގަނޑު ގޮއްވާލުމުގެ ކުރިން މިސްކިތުގައި ތިބި މީހުންނަށް ބަޑިން ވެސް ޙަމަލާތަކެއް ދިން ކަމުގަ އެވެ. ބެކްޓިޔާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ސްޓޭޓްގެ ގަވަރުނަރު އަބްދުﷲ ހަސަރާތު ވިދާޅުވީ ބޮންގޮއްވާލީ މީހުން މިސްކިތުގައި ތިބި މީހުން ހުކުރު ނަމާދު ކުރަމުން ދިޔަ ވަގުތުގައި ކަމަށެވެ. (އަލްޖަޒީރާ)