ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ރިލީޒްކުރި އާމިރް ޚާންގެ ކާމިޔާބު ފިލްމު "ސަރްފަރޯޝް"ގެ ސީކުއެލްގައި ފެނިގެންދާނީ ކާމިޔާބު އެކްޓަރު ޖޯން އަބްރަހަމް ކަން ޔަގީންވެއްޖެ އެވެ.

ފިލްމުގައި ޖޯން ފެނިގެންދާނެކަން ޔަގީންކޮށްދިނީ ޚުދު އޭނާ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖޯން ބުނީ ފިލްމުގެ ޑައިރެކްޓަރު ޖޯން މެތިއު މަތަން އާ އެކު މިހާރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ފިލްމު ކޯޕްރޮޑިއުސް ކުރަނީ ޖޯން އާއި މެތިއު ކަމަށާއި އަންނަ އަހަރު ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އާމިރު، ނަސީރުއްދީން ޝާހް އަދި ސޮނާލީ ބެންޑްރޭ ލީޑު ރޯލުތަކުން ފެނިގެން ދިޔަ "ސަރްފަރޯޝް" އަކީ އިންޑިއާ-ޕާކިސްތާން ބޯޑަރުގައި ހިނގާ ޓެރަރިޒަމްގެ ހަމަލާތައް ހުއްޓުވުމަށް އިންޑިއާ ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ކްރިޓީކުންނާއި ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު އެ ފިލްމަށް ވަނީ އެ އަހަރު އެންމެ މޮޅު ފިލްމުގެ ގައުމީ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.

ޖޯން ބުނީ ފިލްމުގެ ސީކުއެލްގައި އޭނާގެ ކެރެކްޓާ އަދި ވާހަކަ ވެސް ތަފާތު ވާނެ ކަމަށެވެ. އަދި ފިލްމުގައި މަސައްކަތް ކޮށްލަން ކެތްމަދުވެފައި ހުރި ކަމަށް ވެސް ޖޯން ބުންޏެވެ.