04 Aug 2018, 10:09
ރިޝީ ކަޕޫރު އަދި ތާޕްސީ ޕަންނޫ ހަރަކާތްތެރިވާ ފިލްމު "މުލްކް" ޕާކިސްތާނުގައި ރިލީޒްކުރުން މަނާކޮށްފިއެވެ.
ޕާކިސްތާނުގެ ސެންސަރު ބޯޑުގެ ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، "މުލްކް"ގެ ޑައިރެކްޓަރު އަނުބަވް ސިންހާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕާކިސްތާނުގައި ފިލްމު ދެއްކުން މަނާކުރީ އެ ފިލްމުގައި މުސްލިމު އާއިލާއެއްގެ އަގު ވައްޓާލައިފައި ވާކަމަށް ބުނެއެވެ.
"މުލްކް" އަކީ ކޯޓްރޫމް ޑްރާމާއެކެވެ. އެ ފިލްމުގައި ގައުމަށް ޤައްދާރުވުމުގެ ދައުވާކޮށްފައި ވަނީ މުސްލިމް އާއިލާ އަކަށެވެ. ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ޕާކިސްތާނު ސެންސަރު ބޯޑުން ވަނީ ސެންސަޝިޕްގެ ގާނޫނާ ޚިލާފުވާ ކަމަށްބުނެ ފިލްމު ޕާކިސްތާނުގައި ރިލީޒް ކުރުން މަނާކޮށްފައެވެ.
ފިލްމުގެ ކޯޕްރޮޑިއުސަރު ދީޕަކް މުކުތު ވަނީ އެ ނިންމުމާ މެދު ނުރުހުން ފާޅުކޮށް، އަދި އެއްފަހަރު ފިލްމު ބަލައި، ނިންމުން ބަދަލުކުރުމަށް އެދިފައެވެ.
ފިލްމު އުފެއްދި ފަރާތުން ވަނީ ގަވާއިދާ ޚިލާފަށް ނަމަވެސް ފިލްމު ބެލުމަށް ޕާކިސްތާން ރައްޔިތުންގެ ކިބައިން އެދިފައެވެ.
އިއްޔެ އިންޑިއާގައި ރިލީޒް ކުރި "މުލްކް" ޕްރޮޑިއުސްކޮށްފައި ވަނީ މުކުތު އަދި ސިންހާއެވެ. ފިލްމުގައި ރިޝީ އަދި ތާޕްސީގެ އިތުރުން ދެން ފެނިގެންދާނީ ޕްރަތީކް ބާބަރު، ރަޖަތު ކަޕޫރު، އަޝުތޯޝް ރާނާ، މަނޯޖް ޕަހްވާ އަދި ނީނާ ގުޕްތާއެވެ.
ހުކުރު ދުވަހު ރިލީޒް ކުރި "ކަރްވާން" އަދި "ފަންނޭ ޚާން" ދެއްކުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދީފައެވެ.