04 Aug 2018, 09:45
ޑައިރެކްޓަރު ޖޭޕީ ދައްތާގެ ކުރިއަށް އޮތް ފިލްމު "ޕަލްޓަން"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ކާމިޔާބު ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ "ޕަލްޓަން" އަކީ ބޮޑު ކާސްޓަކާ އެކީ އުފެއްދި ފިލްމެކެވެ. ފިލްމު އެޅުވުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު ފިލްމުގެ ޓްރެއިލާއަށް އަންނަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އިންޑިއާ އާއި ޗައިނާގެ މެދުގައި 1962ގައި ކުރި ހަނގުރާމައިގެ މައްޗަށް އުފައްދާ އެ ފިލްމަކީ ދައްތާ އުފައްދާ ދެވަނަ ފިލްމެވެ. ދައްތާގެ "ބޯޑަރު" އަށް ވަނީ ގައުމީ އެވޯޑު ވެސް ލިބިފައެވެ. އެހެންކަމުން "ޕަލްޓަން" އަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރެވެ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ތަރިންނަކީ އަރްޖުން ރާމްޕާލް، ޖެކީ ޝްރޮފް، ސޯނޫ ސޫދު، ހާޝްވަރްދަން ރާނޭ، ގުރްމީތު ޗައުދަރީ، ރޯނިތު ރޯއި، ސިދާންތު ކަޕޫރް، ލަވް ސިންހާ، އީޝާ ގުޕްތާ، ސޮނާލް ޗޯހަން، މޮނިކާ ގިލް، ދިޕިކާ ކައްކަރް އެވެ.
މީގެ ކުރިން ފިލްމުގެ ކާސްޓުގެ ތެރޭގައި އަބީޝެކް ބައްޗަން އަދި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ. ނަމަވެސް އެ ދެ ފަންނާނުން ވަނީ ފިލްމު ދޫކޮށްލައިފައެވެ.