18 Sep 2011, 10:45
ޓެކުނޯލޮޖީ ގައި އެއޮންނަ ޓެކު އެއީ އަހަރެމެންގެ ބަހުގައި އޮންނަ ޓެކުން އެބަހުގެ ބައެއްލައިގެން ހަދާފައި އޮތް ބަހެއްކަން ދޭހަވާ ތަންކޮޅެކޭ ބުނެފިނަމަ ހާދަ ބަޔަކު ހޭނެއެވެ. އެކަމަކު ޓެކުނޯލޮޖީ އާއި ޓެކުމާ ގުޅުން އެބަހުރެއޭ ބުނެފިނަމަ އެއްބަސްވާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ޔަގީނެވެ. އެއީ ޓެކުނޯލޮޖީ ބޭނުން ކޮށްގެން ޓެކުމުގެ ކަންތައް ފަސޭހައިން ކުރެވޭ ކަންއެނގޭ، އެވަރު ދަންނަ މީހުންނެވެ. އެކަމަކު ނޭނގޭ މީހަކަށް ބުނެދިނަސް ނޭނގޭނެއޭ ބުނާ އުސޫލުން އެފަދަ މީހުންނަށް ޖެހޭނީ އަދަބުދީގެން ނަމަވެސް ދަސްކޮށްދޭށެވެ.
ދައްކަން މިއުޅެނީ ވަރަށް ތަފާތު ވާހަކައެކެވެ. އޮޅުންފިލުވާ ދޭން މިއުޅެނީ ޓެކުނޯލޮޖީ ގެ ފަސޭހަތަކުގެ ތެރެއިން ނިކުމެގެންއަންނަ އިންތިހާދަރަޖައިގެ ނުރައްކާތަކުގެ ވާހަކައެވެ. މިހާރު މިހާ ހިސާބުން ވެސް އެތިބަގެން ތުން ފިއްތާ، ދެބުމަ ގޮށްޖަހާ ފުސްމޫނު ހަދަނީއެވެ. ވީއިރު އަދި މިވާހަކަތައް ކިޔާދެމުން ގެންދާއިރު ވާނެވަރު އޮތީ ހީކޮށްލުމެވެ. އަނބުރައިގަނެ ދެބުރާންތިވެގެން ހަސްފަތާލަށް ގެންދަން ނުޖެހުނިއްޔާ ވާ ރަނގަޅެވެ. ވަރިހަމައެވެ. ފަރުވާލެއްނެތެވެ. މިއޮތީ މިނިވަން ޒަމާނެވެ. މަށާއި މަގޭ ދުވަހެވެ. އެމީހަކާ އެމީހެކެވެ. މަށަށްފެންނަ ގޮތް އެއީ މަގޭ ގޮތެވެ. އެމީހުން އެމީހުންނަށް ފެންނަ ގޮތަކަށް ކަން ކޮށްފާނެއެވެ. މިއީ ދޮގެއްނޫންކަން އެއްމެންނަށްހެން މިހާރު އެނގޭނެއެވެ.
ޓެކުނޯލޮޖީ އާއި ޓެކުމުގައި ވެސް ފަސޭހަ ތަކަކާއި ފައިދާ ތަކެއް އެބަ ހުއްޓެވެ. އެކަމަކާ ދެބަހެއް ނުވެވޭނެ އެވެ. ޓެކުނޯލޮޖީގައި އެއްކުރާ މެސެނު އުފަންކުރެވުނު ހިސާބުން މުޅި އާއްމު ދިރިއުޅުމަށާއި ފިހާރަތަކަށް ލިބިގެން ދިޔަ ފަސޭހަތަކާއި ފައިދާ ރަތްއަކުރުން ލިޔެލަން ޖެހެއެވެ. ހަމަ މިއުސޫލުން ޓަކައިގެން ހޯދާ ފައިސާ ތަކާއި މުދަލުން، އެފައިސާ ހޯދި މީހާއަށާއި އާއިލާއަށް ލިބިގެންދާ އަރާމާއި އުފާވެސް ރަތް ނުވަތަ ރަންކުލައިން ލިޔަން މަޖުބޫރު ކުރުވައެވެ. ގެއްލުންތަކުގެ ވާހަކަ ދައްކަން ފަށާއިރު، ޓެކުމުގެ ސަބަބުން ލިބޭ ގެއްލުންތައް ތަފުސީލު ކުރާނެ މާބޮޑު ބޭނުމެއް އޮންނާނެއެކޭ ހީއެއް ނުވެއެވެ. އަނެކާގެ މުދާ ނުވަތަފައިސާ ތަކަށް ލިބިގެންދާ ގެއްލުމާއި ޓެކުމުގެ އަދަބު، ޓަކާ މީހާއަށް ދެވޭކަން އެއީ އެއްމެން ވެސް ދަންނާނެ ކަންކަމެވެ. ކޮންމެވެސްވަރެއްގެ ތަފުސީލަކަށް ބޭނުން ވާނީ ޓެކުނޯލޮޖީ އިން ލިބޭ، ނުވަތަ ދެވޭ ގެއްލުން ތަކުގެ ތެރޭން ކޮންމެ ވެސް ބައި ތަކަކަށެވެ. ނުވަތަ ބަޔަކަށެވެ. ޚާއްސަކޮށް މިފަހަކަށް އައިސް މިދެކަންތަކުގައިވެސް މިވަނީ އިހުނަށްވުރެ ކުރިއެރުމާއި ދިރުން ގެނެވި ތަރައްގީ ކުރެވިފައެވެ. ޓެކުމުގެ އިތުރު ތަފާތު ހުނަރުތަކާއި ގޮތްގޮތް ހޯދައި އީޖާދުކުރެވިފައި ވާފަދައިން ޓެކުނޯލޮޖީ އާއި އެކުގައިވެސް އަހަރެމެން މިވަނީ ހައިރާންވެ ސިހިގެންދާ ވަރުގެ އުކުޅުތަކާއި ވައްތަރުތައް ދެނެގެންފައެވެ.
ޓެކުމުގެ ފަހުގެ ހުނަރުތަކުގެ ތެރެއިން ޔުނިފޯމު ޓެކުމާއި ޑޮލަރުޓެކުމަކީ އަހަރެމެންގެތެރޭގައިވެސް ފަހަކަށް އައިސް ވަރަށް މަޝްހޫރުވެ ކުރިއަރަމުންއައިސްފައިވާ ވައްތަރުތަކެވެ. އެކިތަންތާނގެ ޔުނިފޯމުގައި ގޭގެއަށް ނުވަތަ މީސްމީހުން ގާތަށް ގޮސް އޮޅުވާލައިގެން ފައިސާއަތުލާގޮތާއި ޑޮލަރުގަންނަން ނުވަތަ ވިއްކަން އިމާރާތްތަކުގެ ބުރިބުރިން އަރާ ވަލުފަރާތުން ފައިބައި ފިލާރައްކާވުމަކީވެސް ފަހުގެ ޓެކުންތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. އަންނަންއޮތް ކުރިމަގުގައި ހަސްފަތާލުތަކުގެ ހަރަކާތްތެރިން
ވިއްސާކޮޓަރީގައި ދުޅަހެޔޮ، ދޮން، ރީތިކުދިން ބަދަލުކޮށްދިނުން ފަދަކަންކަން ހިނގާނެއެވެ. ހިންގާނެއެވެ.
ޓެކުނޯލޮޖީގެ މިހާރުގެ އުކުޅުތަކުގެ ތެރޭގައި ހާހުން ގުނާލެވޭހާ ގިނަ ފަސޭހަތަކާއި ގެއްލުންތައް ފާހަގަކުރަން ޖެހެއެވެ. މިފަހަކާއި ޖެހެންދެން މުޅި އުނަގަނޑުމަތި އެކީގައި ފަޅާލައި "ހަންދަމާލައިގެން" ކުރަމުންއައި ޅިނދުކަށީ ބައިތަކުގެ ފަރުވާވެސް މިހާރުގެ އައު ޓެކުނޯލޮޖީގެ އެހީގައި ކުޑަކުޑަ ލޯވަޅަކުން އެތިބަ ދީ ނިންމަނީއެވެ. ޑީއެންއޭ ނަމަކަށް ކިއާ އެއްޗެއްގެ މާލޫމާތު
ޓެކުނޯލޮޖީއިން ހޯދައިގެން އޮޅިފައިއޮންނަ ކަރާކަންވާރުބޮޅެއްހެން ބައެއްފަހަރު ސިފަކުރަން މަޖުބޫރުވެގެންދާ އިންސާނީ ދަރިފަސް ކޮޅު އެތިބަ އޮޅުންފިލުވާލަނީއެވެ. މިހިސާބުން ވަރަށްފަހުން ހިނގާދިޔަ މިފަދަ ކުޑަ ކަމެއްގެ ވާހަކަ ލިޔެލާނަމެވެ.
ލޭއަޅާބަލީގެ ދާއިމީ ފަރުވާ ދިނުމުގައި ވަރަށް މަޝްހޫރު ހަސްފަތާލަކަށް (އިޓަލީއަށް) އެބަލީގެ ކުއްޖަކަށް ފަރުވާދޭން ބަޔަކު،ދެމަފިރިޔަކު އެދެމީހުންގެ ބަލިދަރިފުޅު ގޮވައިގެން ދިޔައެވެ. މިފަރުވާ ދިނުމުގައި އެފަދަ ބަލިކުއްޖާގެ އެއްބަނޑު އެއްބަފާ ދުޅަހެޔޮކުއްޖެއް ނުވަތަ އެކައްޖާގެ ބައްޕަ ގެ ކަށީގެ މަދުކޮޅެއް ބޭނުން ޖެހެޔޯލައެވެ. ކޮންމެއަކަސް މިދެމަފިރިން ގޮވައިގެން ދިޔަ ބަލިކުއްޖާގެ އެއްބަނޑުއެއްބަފާ ކުއްޖާއަށް ދިމާވި ކޮންމެވެސް ސަބަބަކާހެދި އެކުއްޖާގެ ކަށީގެ މަދު ބޭނުން ކުރެވޭގޮތް ނުވުމުން ހަސްފަތާލުން ދެން އުޅުނީ އެކުއްޖާގެ ބައްޕަގެ ކަށިންމަދުކޮޅެއް ނަގައިގެން އެކުއްޖާއަށް ފަރުވާ ދެވޭތޯއެވެ. މިފަރުވާ ދިނުމަށްޓަކާ މަދުކޮޅު ނެގުމުގެ ކުރިން ކުރަންޖެހޭ ޓެސްޓުތަކުގެ ތެރޭގައި ކުރިންބުނި ޑީއެންއޭ ގެ މާލޫމާތުތަކެއްވެސް ހޯދައެވެ. މިގޮތުން އެ ބައްޕަގެ ޑީއެންއޭ އާއި ކުއްޖާގެ ޑީއެންއޭ ނަގައިގެން ބެލިއިރު ސާބިތުވީ ނުބައެއްއުޅޭކަމެވެ. ކަންވާރުބޮޅު އޮޅޭހެން ދަރިފަސްކޮޅު އޮތީއޮޅިފައިކަމެވެ. އާނއެކެވެ. އެބައްޕައަކީ ކުއްޖާގެ ބައްޕައަކަށް ނުވިއެވެ. އެނގިފައިވާ ގޮތުގައި މައްސަލަޖެހި ވީކަމެއްވެ ފަހުން ކުއްޖާގެ މަންމަ އެއީ ތެދެއްކަމުގައި ބުނެ އެއްބަސްވެސް ވިއެވެ. މިހިރީވެސް ޓެކުނޯލޮޖީގެ މޮޅުކަމާއި ބޭނުންތެރިކަމެވެ.
މިހާރުވެސް ދުނިޔޭގެ އެކިހިސާބުގައި ބޭނުންކުރަމުންދާ، އަދި އަހަރެމެންނާއި ހަމައަށް އާއްމުނުވާ އެތަކެއް ކަންކަން ޓެކުނޯލޮޖީގެ ދުނިޔޭގައި އެބަހިނގައެވެ. އެއްމެކަމެއް ފާހަގަކޮށްލާނަމެވެ. މިގެންގުޅޭ އެކިފާޑުގެ އެއްޗެތީގެ ސިކުނޑިއަށް އަމުރު ކުރުމެވެ. ރޭޑިއޯ ޓީވީ ފޯނު ފަދަ މިއަދުގެ އަސާސީ ބޭނުންތައްހިފާ މެސެނުތައްލައްވައި ކުރުވާ ހުރިހާ ކަންކަމަކީ އެއެއްޗެތީގެ ސިކުނޑިއަށް އެގޮތަށްކުރާ އަމުރުތަކުގެ އެހީގައި ކުރާ ކަންކަމެވެ. އިނގިރޭސިކޮށްލައިގެން ސޮފްޓުވެއާ ހެދުމޭ ކިޔާ މިކިޔާކަމަކީ ހަގީގަތުގައި އެތަކެތި ލައްވައި ކުރުވާމަސައްކަތްތައް ރާވައި ހަމަޖެއްސުމެވެ. ޕުރޮގުރާމުކުރުމެވެ. މިއީ ވަރަށް ފައިދާހުރި ހަމަ އެހާމެ ގެއްލުންވެސް ދެވިދާނެ ކަމެކެވެ. ޚާއްސަކޮށް ފަހަކަށްއައިސް އަހަރެމެންގެ ތެރޭގައިވެސް އާއްމުވަމުން މިދާ އަގުބޮޑެތި އިނާމުތައް ދޭ ގުރުއަތުތަކުގައި ބޭނުންކޮންމެގޮތެއް ހަދާލެވޭ ކަމެކެވެ. ތިންދުވަސް ވަންދެން ނަންބަރުތަކެއް އިސްކުރީނެއްގައި އަނބުރާ ރޯލުކުރުވާފައި 8 މަހުގެ ކުއްޖަކުލައްވާ ހުއްޓާލާތަންކޮޅަށް ފިއްތުވާލިޔަސް ޕުރޮގުރާމުކުރިމީހާ ބޭނުންނަމަ އޭނާބޭނުން ނަންބަރެއް އިސްކުރީނަށް އަރާގޮތަށްހަދާލެވޭނެއެވެ.
މިގޮތުން މިއަށްވުރެ ފުނަށް ޖެހިލާހިތްވެއެވެ. މިއަދުގެ ދުނިޔޭގައި މިކަމުގެ މާހިރަކަށް ފުރުސަތު ދީފިނަމަ އެމެރިކާގެ ރައީސްހޮވަން އެފަދަ ގޮތަކަށް ލާ ވޯޓުތަކުގެ ނަތީޖާވެސް ދާދިފަސޭހައިން އެމީހާ ބޭނުންވާގޮތަށް ބަދަލުކޮށްލާނެ ކަން ޔަގީނެވެ. ވޯޓުލަމުން ގެންދާމީހުންނަށް ކަނޑެއްކަން ފަޅެއްކަންވެސް ނޭނގޭހާ މޮޅަށް އެކަންކޮށްލެވިދާނެ ކަމުގައި އެފަދަ މަސައްކަތުގައި ހޭކެންއުޅޭ ރައްޓެއްސަކު ބުނެދިނެވެ. އޭނާބުނާގޮތުން ގުނެމުންދާ ކޮންމެ 10 ވޯޓަކުން 6 ވޯޓު، ނުވަތަ 25 ވޯޓަކުން 13ވޯޓު މިގޮތަށްހޮވަން ބޭނުންވާ މީހަކަށް ގުނެމުންދާގޮތަށް ޕުރޮގުރާމުކޮށްލުމަކީ ކުރެވޭނެ ކަމެކެވެ. އެހެންވެއްޖެނަމަ ވާނެގޮތަކީ އެހެން އެއްވެސް ނަމަކަށް އެނަމަށްވުރެ ކުރިއަށް އެރޭނެ އެއްވެސް ގޮތެއްނޯންނާނީއެވެ. ކޮންމެ އެޅުވުމެއްގައި ނެއްޓުމެއް އޮންނަ އުސޫލުން މިކަންވެސް ނުކުރެވޭނެ ގޮތްތަކެއް ބާރުހުރި ފަރާތުން ބޭނުންވެއްޖެނަމަ ރޭވެންޖެހޭނެ ކަމުގައިވެސް އޭނަބުންޏެވެ. ކޮންމެއަކަސް ޓެކުނޯލޮޖީއާއި ޓެކުމާ އެއްގޮތަކުން އެއްބަނޑުއެއްބަފާ އެބަވެއެވެ. އަނެއްގޮތަކުން ވަކިން އެކަމަކު އެއްއަމާޒަކަށް އެބަ މަސައްކަތްތައް ކުރެއެވެ. މިހުރިހާ ގޮތަކަށްބަލާއިރު ޓެކުނޯލޮޖީ އެބަސް ނަގާފައި އެވަނީ ޓެކުމުންނޭ ބުނެލާކަށް ދައްޗެއް ނޫނެވެ. އެހެންނޫނަސް މިއަދު އެމީހެއްގެ ވިސްނުމާއި ފިކުރު އެމީހަކަށް މިނިވަންކަމާއި އެކު ބޭނުންކުރަން ލިބުމުން މިހެން ބުނެލާހިތުން މިކަހަލަ ވާހަކަތައް އުފަންވެގެންއަންނާނެވެސްމެއެވެ. ނޫންހެއްޔެވެ؟