04 Aug 2018, 00:04
ޖުމްހޫރީ ޕާޓީއަކީ އިންޓާނަލް ޑިމޮކްރެސީ އެންމެ ވަރުގަދަ އެއް ޕާޓީކަމަށް ގަބޫލުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީ ކުރިއަރުވަން ގާސިމް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންޓާނަލް ޑިމޮކްރެސީ އެންމެ ރަނގަޅު އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސް އަކީ އެޕާޓީގެ އިންޓާނަލް ޑިމޮކްރެސީގެ ވަރުގަދަކަން ހާމަވެގެން ދިޔަ ކަންތައް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ ގާސިމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި ގާސިމް ކުރެއްވި މަސައްކަތް ރާއްޖެ އިންް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
"ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރިޔާސަތާ އެދުހު އެމަނިކުފާނު [ގާސިމް] ހަވާލުވެވަޑައި ނުގެންނެވި ނަމަ އަޅުގަނޑުމެން އަތުގައި މިއޮށް ގާނޫނު އަސާސީ ވުޖޫދަށް އަންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަޅުގަނޑަށް އެދުހުކު ނެތް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މިފަހަރު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުގައި ގާސިމް އަދި ޖުމްހޫރީ ޕާޓީގެ ދައުރުވެސް ވަރަށް މުހިންމު ކަމަށެވެ.
"އަޅުގަނޑު މިހެން މިދެންނެވީ ނިމިގެން ދިޔަ ހުރިހާ އިންތިހާބެއްގައިވެސް ޖުމްހޫރީ ޕާޓީ އަދާކޮށްފައިވާ ދައުރުގެ މައްޗަށް ބިނާކޮށްފައި،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެދުވަހުވެސް މިއަދުވެސް ގާސިމް ކުރައްވަމުން ގެންދަވަނީ ވަރުގަދަ ޖިހާދެއް ކަމަށެވެ.