އެއްވެސް ފަރާތެއްގެ އަތުން، ދައުލަތަށް ލިބެން ނުޖެހޭ "ލޯ ލާރި" އެއް ވެސް ހޯދަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ނުކުރާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިރާގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވީ، ޓެކްސް ނެގުމުގައި އޭނާ ގެންގުޅޭ އެންމެ މުހިންމު އުސޫލަކީ އެއްވެސް ފަރާތެއްގެ އަތުން، ދައުލަތަށް ލިބެން ނުޖެހޭ ފައިސާ ހޯދަން އުޅުން ކަމަށެވެ.

"ޓެކްސް ނެގުމުގައި އަޅުގަނޑު ގެންގުޅޭ އެންމެ މުހިންމު އުސޫލަކީ ޓެކްސް ނެގުމުގައި އެއްވެސް ފަރާތެއްގެ އަތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ނުޖެހޭ ލޯ ލާރިއެއް ވެސް ހޯދަން މަސައްކަތް ނުކުރުން،" ޔަޒީދު ވިދާޅުވި އެވެ.

މިރާ އިން ކުރާ ހުރިހާ މަސައްކަތެއްގައި ވެސް އެ ތަނުގެ އޮފިސަރުން މަސައްކަތް ކުރާނީ އެ އުސޫލުން ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާ އިން މަސައްކަތް ކުރަނީ ވިޔަފާރިތަކަށް ގާނޫނުގެ ތެރެއިން ދެވެން އޮންނަ އެންމެ ބޮޑެތި ލުއިތައް ދީގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 3000 ވުރެ ގިނަ ވިޔަފާރިތަކަށް ޖޫރިމަނާ މައާފް ކޮށްދިން ކަމަށް ޔަޒީދު ވިދާޅުވި އެވެ.

މީރާ އަކީ މިހާރު ވެސް މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ޓެކްސް އިދާރައެއް ކަމަށާއި، އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ތާކަށް މީރާ ހެދުން ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ. އަދި ވިޔަފާރިތަކުން މީރާ އަށް އެކަމުގައި އެހީތެރިވެދިނުމަށް އޭނާ ގޮވާލެއްވި އެވެ.

ޔަޒީދު ވިދާޅުވީ ބައެއް ފަރާތްތަކުން މީރާގެ ނަން ހަޑިކުރަން މަސައްކަތް ކުރާ ކަމަށާއި، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ރާއްޖޭގައި ގާއިމްކޮށްފައިވާ ޓެކްސް ނިޒާމް ހަލާކުކޮށްލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ މަސްލަހަތުތަކެއް ހިމަޔަތްކުރަން އުޅޭ މަދު ބަޔަކު މީރާގެ ތަސައްވުރު ހުތުރުކޮށް، ރާއްޖޭގައި ގާއިމްކޮށްފައިވާ ޓެކްސް ނިޒާމް ހަލާކުކޮށްލުމަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުން ދާކަމީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި އިރު، ސަރުކާރުން މީރާ މެދުވެރިކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ވިޔަފާރިތަކަށް ދަތިކުރަމުން އަންނަ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.