ބްރިޖުމަތީ ކައިވެނިކުރަން ބޭނުންވާ މީހުންނަށް އާދިއްތަ ދުވަހު ފޯމު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވައުދެއް ކަމުގައިވާ ބްރިޖުމަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ފޯމު ދޫކުރާނީ ހައުސިން މިނިސްޓްރީގެ ކައުންޓަރުން ކަމަށާއި މިމަހުގެ 13 ގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖުމަތީ އަލަތު ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ވަނީ ޖަލްސާއެއްގައި ވިދާޅުވެފައެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމާއި ލައިޓު ހަރުކުރުން ފަދަ މަސައްކަތް ތަކެވެ. މީގެ އިތުރުން ބްރިޖާ ގުޅިގެން ހަދާ މަގުތަކުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ސިނަމާލެ ބްރިޖުގެ މަސައްކަތްތައް ސެޕްޓެމްބަރު 25 އަށް ނިންމަން ވަނީ ކޮންޓްރެކްޓު ކޮށްފައެވެ.