ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބުލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއި އެކު، އަލުން މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް އަލުން ފެށުމަށް މި ތައްޔާރުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ 6 ވަނަ ދުވަހު ފާސްކޮށްފައިވާ ޤަރާރުގައިވާ ގޮތުގެ މަތީންނެވެ.

މި ޤަރާރުގައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރުޢީ ވަފުދަކުން ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާނެވެ. މި ގޮތުން އެކުލަވާލެވުނު ފުރަތަމަ ޝަރުޢީ ވަފުދު 5 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ހަފުތާގެ ނިޔަލަށް ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާނެއެވެ.

ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުގެ މަތީން، ޝަރުޢީ ވަފުދުން، ދެކުނު ގޮތްޕަށް ވަޑައިގެން މި ގޮތަށް މަސައްކަތް ކުރައްވަން ފެށްޓެވުމުން، ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅި ހުއްޓިފައިވާ މައްސަލަތައް ނިމުން އަވަސްވެ، ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.

މިއީ ހައިކޯޓުގެ ޝަރުޢީ ވަފުދަކުން މި ގޮތުން މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ. ފަނޑިޔާރުންގެ މި ދަތުރުފުޅުގައި ކުރިއަށް ގެންދަވާނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅި، އެ ކޯޓުގައި މިހާރު ރެޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކެވެ.