ޕްރެމިއާ ލީގުގައި ރޭ އާސެނަލް ސިއްސުވާލުމަށް ފަހު ބްލެކްބާން ރޮވާސް އިން އެއްދަރަޖަ ކުރިއަށް ޖެހިލައިފިއެވެ. މިމެޗުގައި އާސެނަލް އަތުން ވަނީ ބައިކޮޅަށް ދެލަނޑު ވަދެފައެވެ.

މެޗު ކޮންޓްރޯލު ކުރަމުން ދިޔަ އާސެނަލަށް ފުރަތަމަ ލަނޑު މެޗުގެ 10 މިނެޓުގައި ކާމިޔާބުކޮށްދީ ކުރި ހޯދައިދިނީ މިސީޒަނުގައި އަލަށް ޓީމާއި ގުޅުނު ފޯވާޑް ޖާވީނިއޯ އެވެ. މިލަނޑު ޖެހިތާ 15 މިނެޓް ފަހުން ބްލެކްބާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔަކޫބޫ އަޔެގްބެނީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް މިކެލް އާޓެޓާ ލަނޑެއް ޖަހާ އަލުން ލީޑު ހޯދައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ފަސްމިނެޓު ފަހުން އާސެނަލްގެ އެލެކްސް ސޯންގް އަތުން ބައިކޮޅަށް ލަނޑެއް ވަނުމުގެ ސަބަބުން އަނެއްކާވެސް ނަތީޖާ ހަމަހަމަ ވިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޔަކޫބޫ ވަނީ ދެވަނަ ލަނޑެއް ޖަހައި ބްލެކްބާނަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މިލަނޑަށްފަހު ދިހަ މިނެޓް ނުވަނީސް އާސެނަލްގެ ލޯރެންޓް ކޮސޭލްނީ އަތުން ބައިކޮޅަށް އިތުރު ލަނޑެއް ވަނުމުން ބްލެކްބާނަށް ލީޑް ފުޅާވެގެން ދިޔައެވެ. އާސެނަލްއަށް ލީޑް ހަނިކޮށްލެވުނީ މެޗުގެ 85 ވަނަ މިނެޓުގައި މޫރުއާން ޗަމަކް ޖެހި ލަނޑުންނެވެ. މިމެޗު ނިމިގެންދިޔައީ 4-3 ލަނޑުން ބްލެކްބާން ކުރީގައި އޮވެގެންނެވެ.
ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ސްވަންސީ އާއި ކިޔުޕީއާރު އަދި ނޮވިޗް ވެސް ވަނީ މެޗުތައް ކާމިޔާބުކޮށްފައެވެ. ވެސްޓްބްރޮމް އާ ދެކޮޅަށް ކުޅެ ސްވަންސީއާއި ކިޔުޕީއާރު 3-0 ލަނޑުން މެޗުތައް ކާމިޔާބު ކުރިއިރު، ނޮވިޗް ވަނީ 2-1 ލަނޑުން ބޮލްޓަންގެ މައްޗަށް ކުރި ހޯދާފައެވެ.

ވެސްޓް ބޮރޮމްގެ މައްޗަށް ސްވަންސީ އިން ކުރި ހޯދި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ސްކޮޓް ސިންކްލެއާ، ލެރޯއީ ލިޓާ އަދި ނޭތަން ޑަޔާ އެވެ. ކިޔުޕީއާރު އިން ވޮލްވްސް ގެ މައްޗަށް ކުރި ހޯދި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޯއީ ބާޓަން، އެލެޖެންޑްރޯ ޑަމިއަން ފޯލިން ގެ އިތުރުން ޑީޖޭ ކޭމްޕްބަލް އެވެ.

މެޗުގެ ފަހު ހާފު ބޮލްޓަންއިން ދިހަ ކުޅުންތެރިންނާއެކު ކުޅުނު މެޗުގައި ނޮވިޗަށް ލީޑު ލިބުނީ އިދިކޮޅު ޓަންކޭ ސަންލީ އަތުން ބައިކޮޅަށް ވަތް ލަނޑުގެ ސަބަބުންނެވެ. މިލަނޑު ސަންލީ އަތުން ބައިކޮޅަށް ވަދެފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބްރެޑްލީ ޖޯންސަން ވަނީ ނޮވިޗަށް ލީޑް ދެލަނޑަށް ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބޮލްޓަންގެ އިވާން ކްލަސްނިޗް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މެޗުގައި ބޮލްޓަންއިން ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާޓިން ޕެޓްރޯވް އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ނޮވިޗް ކުރީގައި އޮވެގެންނެވެ.

އަލަށް ޕްރޮމޯޓުވި ތިން ކުލަބަށް ލިބުނު ތިން ޕޮއިންޓުގެ ސަބަބުން ކިޔުޕީއާރު ލީގުގެ ދިހަ ވަނައަށް ޖެހި، ނޮވިޗް އެގާރަ ވަނައަށް ޖެހި، ސްވަންސީ ވަނީ ބާރަ ވަނައަށް ޖެހިލާފައެވެ.

ވިގަން އާއި ދެކޮޅަށް ކުޅުނު މެޗު އެވަޓަން އިން ވަނީ ފަހަތުން އަރާ ކާމިޔާބު ކޮށްފައެވެ. ފްރެންކޯ ޑި ސަންޓޯ 31 ވަނަ މިނެޓުގައި ވިގަންއަށް ލީޑު ހޯދައިދީފައި ވާއިރު، އޭގެ ދެމިނެޓު ފަހުން ފިލް ޖަގެލްކާ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފަހު ހާފުގައި އެވަޓަން އިން ކާމިޔާބު ކުރި ދެލަނޑުގެ ތެރެއިން އެއް ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އަޕޮސްޓޮލޮސް ވެލިއޮސް ކާމިޔާބުކޮށްދިން އިރު، ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ރޯއިސްޓަން ޑްރެންތް އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން އެވަޓަން ކުރީގައި އޮވެގެންނެވެ.

އެސްޓަން ވިލާއާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތޭރަ ވަނަ މިނެޓުގައި ގެބްރިއަލް އަގްބޮންލަހަރު ކާމިޔާބުކޮށް އެސްޓަން ވިލާއަށް ލީޑް ހޯދައިދިން އިރު، މެޗުގެ 57 ވަނަ މިނެޓުގައި ލިއޯން ބެސްޓްވަނީ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިމެޗުތަކަށް ފަހު ލީގުގެ ގަދަ ހަތަރަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ލީގުގެ އެއްވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު ދެވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ތިންވަނާގައި ޗެލްސީ އޮތްއިރު ހަތަރު ވަނާގައި އުޅެނީ ނިއުކާސަލް ޔުނައިޓެޑެވެ. ޕްރެމިއާ ލީގުގައި މިރޭ ފޯރިގަދަ ހަތަރު މެޗަށް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ތިރީގައި އެވަނީ ކުޅޭ މެޗުތަކާއި ވަގުތު ތަކާއި މެޗު ކުޅޭ ސްޓޭޑިއަމް ތަކެވެ.
17:30 : ޓޮޓެންހަމް – ލިވަޕޫލް (ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި)
19:00 : ފުލަމް – މެންޗެސްޓާ ސިޓީ (ފުލަމްގެ ކްރޭވަން ކޮޓެޖް ސްޓޭޑިއަމްގައި)
19:00 : ސަންޑަލޭންޑް – ސްޓޯކް ސިޓީ (ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި)
20:00 : މެންޗެސްޓާ ޔުނައިޓެޑް – ޗެލްސީ (މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި)