ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މުބާރާތް ރޭ ފަށައިފިއެވެ.

އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގެ ވެލި ދަނޑުގައި ރޭ ފެށި މުބާރާތުގައި ޖުމްލަ އަށް މެޗް ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި އަންހެން ޑިވިޝަންގެ ދެ މެޗާގައި އަދި ފިރިހެން ޑިވިޝަންގެ ހަ މެޗް ކުޅުނެވެ.

ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. އެގޮތުން ވިލާ ކޮލެޖް އަދި ސައިރިކްސް ކޮލެޖް ބައްދަލުކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ ކޮލެޖެވެ. އެ މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިލާ ކޮލެޖުގެ ޖާރޒީ ނަންބަރ 11 ފިރުޝާނާ ނަސީރެވެ.

އަދި މެޕްސް ކޮލެޖާއި ސީއެފްއެސް ބައްދަލުކުރި މެޗުން 4-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މެޕްސް ކޮލެޖެވެ. އެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކައި ކްއީން އޮފް ދަ މެޗު ހާސިލް ކޮއްފައިވަނީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 13 އަޒީނާ އަބްދުލް މަތީނެވެ.

ފިރިހެން ޑިވިޝަނުން ސައިރިކްސް އަދި އެމްއެންޔޫބީއެސް ބައްދަލުކުރިއިރު މެޗު ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުން އެމްއެންޔޫބީއެސްއެވެ. އެ މެޗުގެ މޭން އޮފް ދަ މެޗު ލިބިފައިވަނީ ޖާރޖީ ނަންބަރ 7 މުހައްމަދު ރިލްވާނަށެވެ.

އަދި އެފްއެޗްޓީއެސް އާއި މެޕްސް ކޮލެޖާ ދެމެދު ކުޅުނު މެޗުން މޮޅުވެފައިވަނީ އެފްއެޗްޓީއެސްއެވެ. 6-2ގެ ނަތީޖާއަކުން އެފްއެޗްޓީއެސް ކުރި ހޯދިއިރު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްއެޗްޓީއެސްގެ ޖާރޒީ ނަންބަރ 7 އަބްދުލް ވާހިދު އިބުރާހިމްއެވެ.

އޭގެ އިތުރުން ފަސްޓް އަދި އައިޔޫއެމް އިން ވާދަކުރި މެޗު 3-4ގެ ނަތީޖާއަކުން އައިޔޫއެމް ވަނީ މެޗު ކާމިޔާބުކޮއްފައިވެއެވެ. އެ މެޗުގެ މޭން އޮފް ދަ މެޗަކީ އައިޔޫއެމްގެ ޖާރޒީ ނަންބަރ 8 އަހުޝަން ނައީމްއެވެ. އަދި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލާއި އެފްއެޗްއެސް ބައްދަލުކުރި މެޗުން 0-4ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކުރީ އެފްއެޗްއެސް އިންނެވެ. އެ މެޗުގެ މޭން އޮފްދަ މެޗް ލިބިފައިވަނީ އެފްއެޗްއެސްގެ ޖާރޒީ ނަންބަރ 8 އިބްރާޙިމް ހާމިދަށެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރޭން އެމްބީއެސް އާއި ޕޮލީޓެކްނިކް ބައްދަލުކޮށް އެމްބީއެސް ވަނީ 4-2 ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގެ މޭން އޮފް ދަ މެޗަށް ހޮވިފައި ވަނީ، އެމްބީއެސްގެ ޖާރޒީ ނަންބަރ 11 އަބްދުﷲ ވިޝާމްއެވެ. އަދި ވިލާ ކޮލެޖާއި އެފްއީ ބައްދަލުކުރި މެޗުން ވިލާ ކޮލެޖް 4-2ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. އެމެޗުގެ މޭން އޮފް ދަ މެޗް ހާސިލް ކޮއްފައިވަނީ ވިލާ ކޮލެޖްގެ ޖާރޒީ ނަންބަރު 7 އަންސަރު އިބްރާހިމް އެވެ.

އެމްއެންޔޫއެސްޔޫ އުފެދުނުފަހުން ކޮންމެ އަހަރަކު ވެސް ބާއްވާ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.