03 Aug 2018, 14:16
ޗެލްސީއަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިލިއަމްގެ ސޮއި ފޯޖު ކުރި މައްސަލައެއް ބަލައިދިނުމަށް އޭނާގެ ލޯޔަރުންގެ ކިބައިން އެދިއްޖެއެވެ.
ވިލިއަން ބުނެފައި ވަނީ ފުޓުބޯޅަ މާކެޓް ތެރޭގައި އޭނާގެ ނަން މަތީގައި ދައުރުވި ސިޓީއަކީ އޭނާ ސޮއިކޮށްފައިވާ ސިޓީއެއް ނޫން ކަމަށާއި، ސިޓީގައި ވަނީ ވިލިއަން ސޮއިގެ ނަކަލެއް ކަމަށެވެ.
ފީފާގެ ވޯލްޑް ކަޕަށްފަހު ވިލިއަން ޗެލްސީ ދޫކޮށްލަން އުޅޭ ކަމަށް ގިނަ ވާހަކަތަކެއް ދެކެވިފައިވާ އިރު، އޭނާގެ ނަންމަތީގައި ދައުރުވި ސިޓީގައި ބުނެފައި ވަނީ ވިލިއަންގެ އެޖެންޓް ބަދަލުކޮށްދިނުމަށެވެ.
ވިލިއަންގެ އިންސްޓާގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސިޓީގައިވާ ހުރިހާ މައުލޫމާތެއް އޭނާ ދޮގުކުރާ ކަމަށާއި، އޭނާގެ ނަންމަތީގައި ދައުރުވި ސިޓީގައި ހިމެނޭ ސޮއިވަނީ ފޯޖު ކޮށްފައި ކަމަށެވެ.
އޭގެ އިތުރުންވެސް ވިލިއަން ބުނެފައި ވަނީ އޭނާގެ ނަންމަތީގައި އެފަދަ ދަށު ދަރަޖައިގެ ކަމެއް ހިންގި ފަރާތްތައް ހޯދައި އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް އޭނާ އެދޭ ކަމަށެވެ.
މިހާތަނަށް ޗެލްސީގައި ފަސް އަހަރު ހޭދަކޮށްފައިވާ ވިލިއަން، ވޯލްޑް ކަޕަށްފަހު ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން އޮތީ މިދިޔަ ހަފްތާގެ ހުކުރު ދުވަހަށެވެ. އެހެން ނަމަވެސް އޭނާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޗުއްޓީ ނިމުމުންވެސް ކްލަބަށް އެނބުރި ވިލިއަން ނުދިޔަ މައްސަލައާ ގުޅިގެން ކޯޗު މައިރީޒިއޯ ސާރީ ބުނެފައި ވަނީ، ވިލިއަންގެ ފަރާތުން ފެނުނީ ފެންނަން ބޭނުން ނުވާ އަމަލެއް ކަމަށެވެ. އެހެން ނަމަވެސް އޭނާއާ ވާހަކަ ދެއްކުމަށްފަހުގައި ނޫނީ އިތުރަށް އެވާހަކަ ނުދައްކާނެ ކަމަށްވެސް ސާރީ ބުންޏެވެ.