18 Sep 2011, 09:24
އިސްލާމް އާބާދު (ސެޕްޓެމްބަރ 18) : ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި 342 މީހަކު މަރުވެ 633 މީހަކު ޒަޚަމްވެ ހަތް މިލިޔަނެއްހާ މީހުން ޙާލުގައި ޖެހިފައިވާ ކަމަށް އެޤައުމުން ބުނެފިއެވެ. ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓާބެހޭ ކޮމިޝަނުން ބުނިގޮތުގައި 2.4 މިލިޔަން ހެކްޓަރުގެ ބިންވަނީ ފެނުގެ އަޑީގައެވެ. މީގެތެރެއިން 80 ޕަސެންޓް ބިމަކީ ދެކުނުގެ ސިންދު ޕްރޮވިންސްގެ ބިމެވެ.
ފެންބޮޑުވުމުގެ ކާރިޘާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށް ދިނުމުގައި ސިފައިންވެސްދަނީ ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު ގިނަކަމުންނާއި ބޭރުގެ އެހީ ލިބުން ލަސްވުމުން އެހީގެ ކަންތައްތައް އެދެވޭ ގޮތުގައި ކުރިޔަށް ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ. އދ. ންވަނީ ޕާކިސްތާނަށް ދިނުމަށް ކުރިން ހަމަޖެއްސި އެހީ ދެގުނައަށް އިތުރުކޮށްފައެވެ.
ޕާކިސްތާނަށް ކޮންމެ އަހަރަކުވެސް ކުރަމުން ގެންދާ މޫސުމީ ވިއްސާރާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މިގޮތުން މިދިޔަ އަހަރުކުރި ވިއްސާރާގައި 18 މލިޔަން މީހުން ޙާލުގައިޖެހި 2 ހާސް މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވިއެވެ. މިދިޔަ އަހަރުގެ ކާރިޘާއިން ލިބުނު ގެއްލުންތަކުން ޤައުމު ސަލާމަތް ނުކުރެވެނީސް މިއަހަރުވެސް ވަނީ ފެންބޮޑުވުމުގެ އިތުރު ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ. -- ރޮއިޓާސް