03 Aug 2018, 00:34
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީ ތަކުން ވަގުތު ދިނުމުގެ ހަމަތަކާއި، އެއާ ހިލާފުވާ ބްރޯޑްކާސްޓަރުންނަށް އިދާރީ ފިޔަވަޅު އެޅުމަ ގުޅޭ އުސޫލު ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި، އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ބްރޯޑްކޮމް އިން މިރޭ ބުނީ، އެ އުސޫލު އެކުލަވާލީ އޭގެ ފުރަތަމަ ދެލިކޮޕީ އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު އާންމުންގެ ހިޔާލު ހޯދުމަށް ފަހު ކަމަށެވެ.
އެޓާނީ ޖެނަރަލް އޮފީހަށް އެ އުސޫލު ފޮނުވުމުގެ ކުރިން އާންމުންގެ ހިޔާލުތަކުގެ އިތުރުން، އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު އެ އުސޫލަށް ހޯދި ކަމަށް ވެސް ބްރޯޑްކޮމް އިން ބުނެ އެވެ.
ބްްރޯޑްކޮމް އިން ބުނީ، ބްރޯޑްކާސްޓަރުންނާ އެކު ދެ ފަހަރެއްގެ މަތީން ބައްދަލުކޮށް އެ ފަރާތްތަކުގެ ހިޔާލުހޯދުމަށް ފަހު ވެސް ބައެއް އިސްލާހުތައް އެ އުސޫލުގައި ހިމަނާފައިވާނެ ކަމަށެވެ.
އެ އުސޫލަކީ އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ދަށުން، އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ހަމަހަމަ ފުރުސަތު ލިބޭނެފަދަ އުސޫލެއް ގާއިމް ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މައްޗަށް ލަޒިމުކުރުމުން އެކުލަވާލި އުސޫލެކެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައިވަނީ، ބްރޯޑްކޮމް އިން އެފަދަ އުސޫލެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަން ޖެހޭނެ ކަމަށެވެ.
މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެ އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާއި ގުޅިގެން، އެ އުސޫލު އެންމެ ލަސްވެގެން މި މަހުގެ އަށް ވަނަ ދުވަހު ބްރޯޑްކޮމް އިން އާންމު ކުރަން ޖެހޭނެ އެވެ. ބްރޯޑްކޮމް އިން ބުނީ، އެޓާނީ ޖެނަރަލްގެ ލަފާ ލިބުމާ އެކު އެ އުސޫލު ގެޒެޓް ކުރާނެ ކަމަށެވެ.