03 Aug 2018, 00:11
ދިރާގާއި ޔޫއެންޑީޕީން ގުޅިގެން، "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުންނަށް ހިންގި ތަމްރީނު ޕްރޮގްރާމްގައި ތައްޔާރުކުރި ކުރު ފިލްމުތައް މިއަދު ޝްވެކް ސިނަމާގައި އަޅުވައިފި އެވެ.
ފިލްމުތައް އެޅުވުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، މި އަހަރުގެ ތަމްރީނުގައި ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ސާމާނު ބޭނުންކޮށްގެން ޒުވާނުންގެ ހުނަރު ދައްކާލަން ދަސްކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު ޒުވާނުން ބާރުވެރި ކުރުވައި، އިޖްތިމާއީ މައްސަލަތައް ހައްލު ކުރުން،" އިސްމާއިލް ވިދާޅުވި އެވެ.
ދިރާގާއި ޔޫއެންޑީޕީން ބުނީ، މި އަހަރުގެ ކުރު ފިލްމް ތަކަކީ ވެސް ކުރީ އަހަރެކޭ އެއްގޮތަށް، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މައިގަނޑު އަސާސްގެ މައްޗަށް ބިނާކޮށް އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާފައިވާ ފިލްމް ތަކެއް ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ދިރާގާއި ޔޫއެންޑީޕީން ގުޅިގެން ކުރިއަށް ގެންދާ "ފިލްމް ފޯ ޗޭންޖް"ގައި މި އަހަރު 21 ޒުވާނަކު ބައިވެރިވި އެވެ. ފިލްމު އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ހެދި ފިލްމުތަކުގެ އިތުރު ސްކްރީނިންތައް ވެސް އަޅުވާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ފިލްމުތައް އަދި ސޯޝަލް މީޑިއާގައި ވެސް އާންމު ކުރާނެ ކަމަށެވެ. އަދި މި އަހަރު އުފެއްދި ފިލްމުތައް ބައިނަލްއަގުވާމީ ކުރު ފިލްމް ފެސްޓިވަލުގައި ބައިވެރިކުރާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، މިދިޔަ އަހަރުގެ "ފިލްމް ފޯ ޗޭންޖް"ގައި އުފެއްދި ކުރު ފިލްމް "އިލޮށި" ވަނީ ދާދިފަހުން ސޮނީ ފިލްމް ފެސްޓިވަލްގެ "ޕިކްޗާ ދިސް"ގައި ޝޯޓް ލިސްޓް ކޮށްފައި ކަމަށެވެ.