ހުޅުމާލޭގައި މިރޭ ޒުވާނެއްގެ ބޮލަށް ވަޅިހަރައި، ޒަޚަމް ކޮށްލައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު "ސަން" އަށް ވިދާޅުވީ މިރޭ 9:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ވަޅި ހަރައިގެން ގެނައީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ނަމަވެސް އޭނާގެ ބޮލަށް ވަޅި ހަރާފައި ވަނީ ކިތައް ފަހަރު ކަމެއް ސާފެއް ނުވެ އެވެ.

މީގެ ދެ ހަފްތާ ކުރިން ވެސް ހުޅުމާލޭގައި ވަނީ 24 އަހަރުގެ ފިރިހެނެއްގެ ހަތް ތަނަކަށް ވަޅި ހަރައިފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން ވެސް ހުޅުމާލޭގައި ވަޅިހަރައި، ޒުވާނަކު ޒަޚަމްކޮށްލި އެވެ.

އެ ވަޅިހެރުންތަކާ ގުޅިގެން ފުލުހުން ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ. މިރޭގެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ބައެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.