10:00


މާލެތެރޭ ހިނގާ މާރާމާރީއާ ވައްކަންތައް ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ގ. މަސްއޮޑިގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެގޭން ބޮޑު ބައެއް ފުލުހުން ތަޅައިލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފުލުހުން އެގޭގެ ބައެއް ތަޅާލާފައި ވަނީ މާލެތެރޭ ވެތުވެދިޔަ ދެތިން ހަފްތާތެރޭ ގުރޫޕްތަކުގެ މެދުގައި ސިލްސިލާ މާރާމާރީތައް ހިންގުން އިތުރުވެ، އަދި ވައްކާމާ ފޭރުންފަދަ ކަންތައްތައް ހިންގަމުންދިއުމާ ގުޅިގެން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ މާލެތެރޭ ހަދާފައި ހުރި މިނޫން ވެސް އިތުރު ތަންތަން ފުލުހުން ރޫޅަމުން ގެންދާނެ ކަމަށެވެ.


މަސްއޮޑިގެ އަށް ފުލުހުން ގޮސް އެގެ ބަލާ ފާސްކޮށްފައި ވަނީ އެގެ ހިމެނޭ ސަރަހައްދުގެ މަގު ބަންދުކޮށްގެންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުން އެގޭ އިންފާރު ތަޅަމުންދިޔައިރު އެސަރަހައްދަށް އެއްވެފަ އެވެ. މަސްއޮޑިގޭ ބައެއް ފުލުހުން ތަޅާލި ނަމަވެސް އެ ގެއިން ފުލުހުން ގެންދިޔައީ ކޮންއެއްޗެއްސެއް ކަމެއް، އަދި މީހަކު ހައްޔަރުކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުންގެ އޮފިޝަލެއް ވިދާޅެއްނުވެ އެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަޅާލާފައިވަނީ މަސްއޮޑިގޭގެ އިންފާރާއި އެގޭ ތެރޭހުރި ގެއެއްގެ ކޮޓަރި އެއްގެ ފާރެވެ. އަދި އެގޭ ތެރޭ ތަންތަން ފުލުހުން ކޮނެފައިވާ ކަމަށާއި އަދި ހަ ދަގަނޑު ބުރި ފުލުހުން ގެންދިޔަ ކަމަށް ވެސް މަޢުލުމާތު ލިބެ އެވެ.