02 Aug 2018, 19:29
ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް އެތައް ޅެމެއް ދޫކުރައްވައިފައިވާ ކުޅަދާނަ ޝާއިރު އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން އައްނަބީލާ މަރިޔަމް ސައީދުގެ ހަނދާނުގައި ޚާއްސަ ޅެން ފޮތެއް ނެރެފިއެވެ.
އައްނަބީލާ މަރިޔަމް ސައީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެކަމަނާގެ ހަނދާނުގައި ރޭ ބޭއްވި ތައުބީންގެ ޖަލްސާގައި އެ ޅެން ފޮތް ނެރެދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ "ސަން" އަށް ވިދާޅުވީ އެ ފޮތުގައި މަރިޔަމް ސައީދުގެ ޒިކުރާ އާކުރުމުގެ ގޮތުން އެކި ބޭފުޅުން ހައްދަވާއިވާ ޅެންތައް ހިމެނިފައިވާ ކަމަށެވެ.
އެ ފޮތް ބަހުގެ އެކެޑަމީން ލިބޭނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
މަރިޔަމް ސައީދު ހެއްދެވި ބައެއް ޅެންތައް ރޭގެ ޖަލްސާގައި ވަނީ ހުށަހަޅާދީފައެވެ. އަދި އެކަމަނާގެ
ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީއިން ބޭއްވި ތައުޒިޔާގެ ފޮތުގެ ކޮޕީއެއްވެސް އެ ޖަލްސާގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މަރިޔަމް ސައީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެކަމަނާ ދިރިއުޅުއްވަމުން ގެންދެވި ސްރީ ލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.
ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީނާއި އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމައަށް ލިބިވަޑައިގެންނެވި މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް އެތައް ޅެމެއް ދޫކުރައްވައިފައިވާ ކުޅަދާނަ ޝާއިރެކެވެ.
އެގޮތުން، ދިވެހި ޅެންވެރިކަމުގެ ބަޗީގާގައި "ނިސްރީން" އަދި "ނީލް" ގެ ގޮތުގައި ފާހަގަކޮށްފައިވާ އެކަމަނާ އަސް ޅެންވެރިކަމުގެ ގޮތުން އާންމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 1983 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.
މަރިޔަމް ސައީދު ހެއްދެވި ޅެންތަކުގެ ތެރެއިން، އެެންމެ ޚާއްސަ އެއް ޅެމަކީ "އަސްރުދިޔައީ ގެއްލިގެން" ނެވެ. އެ ޅެން، ލަވައެއްގެ ސިފައިގައި މިހާރު ގެނެސްފައިވަނީ ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުންނެވެ.