ޓެލްއަވީވް (ސެޕްޓެމްބަރ 17) : ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމުގެ މައްސަލަ އދ. އަށް ގެންދިޔުން ހުއްޓުވުމަށް ކުރެވޭނެ ކަމެއްނެތް ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުގެ ވަޒީރެއް ކަމަށްވާ ޔޫސީ ބިލީދް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ މެންބަރު ޤައުމުތަކުން އިޢްތިރާފްވުމާއި އެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރިޝިޕް ދިނުމުގެ މައްސަލަ އދ. އަށް ވެއްދުން ހުއްޓުވޭތޯ އިސްރާއީލުންކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އިސްރާއީލުގައި ވެރިކަންކުރާ ކަނާތު ފިޔައިގެ ހަރުކަށި ލިކޫޑް ޕާޓީއަށް ނިސްބަތްވާ ބިލީދް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމުގެ މައްސަލަ އދ. އަށް ގެންދިޔުން ހުއްޓުވުމުގެ ޤާބިލްކަން އިސްރާއީލަށާއި އިސްރާއީލުގެ ބައިވެރިންނަށް ލިބިގެންނުވާ ކަމަށެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ތަނަވަސް އަޣްލަބިއްޔަތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެދައުލަތަށް އދ. ގެ މެންބަރުކަން ދިނުމަށް ޖެނެރަލް އެސެމްބަލީގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މިއީ އިސްރާއީލު ހިތާމަކުރާ ކަމެއް ކަމަށް ބިލީދް ވިދާޅުވި އެވެ.

އދ. ގެ ހުރިހާ ޤައުމުތަކެއް ތަމްޘީލްކުރާ ޖެނެރަލް އެސެމްބްލީން ފަލަސްތީނަށް ތާއީދު ލިބުނު ނަމަވެސް އެމެރިކާއަށް ވީޓޯ ކުރުމުގެބާރު ލިބިފައިވާ އދ. ގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ދައުލަތާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރެވޭނެ ކަމަށް ބިިލީދް ވިދާޅުވި އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 194 ޤައުމުގެ ތެރެއިން 135 ޤައުމު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ޑިޕްލޮމެޓިކް ދާއިރާތަކުންބުނެވެ. ފަލަސްތީނުގެ ދައުލަތުގެ މަޝްރޫޢު ފުނޑުފުނޑު ކޮށްލުމަށްޓަކައި އެމެރިކާއިން ސަލާމަތީ މަޖިލީހުގައި ވީޓޯކުރިނަމަވެސް އދ. ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ އދ. ގެ ޖެނެރަލް އެސެމްބްލީގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުން ފަލަސްތީނަށް ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް ފަލަސްތީނުންބުނެ އެވެ.

އިސްރާއީލުގެ އިތުރުން ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒު ހިނގާ އެމެރިކާއާއި ކެނެޑާ ފަދަ ހުޅަނގުގެ މަދުޤައުމަކުން ދެކޮޅު ހެދިނަމަވެސް އދ. ގެ ފުރިހަމަ މެންބަރ ޝިޕް ނުލިބޭ ނަމަވެސް މިނިވަން ދައުލަތެއްގެ ޙައިްޘިއްޔަތު ލިބޭ ޤައުމަކަށް ވެވޭވަރުގެ ބޮޑު އަޣްލަބިއްޔަތެއް ޖެނެރަލް އެސެމްބްލީގައި ފަލަސްތީނަށް ލިބިގެންދާނެ ކަމަށް މީޑިޔާ ރިޕޯޓްތައްބުނޭމިނިވަން ދައުލަތުގެ ޙައިސިއްޔަތު ލިބިއްޖެނަމަ އިސްރާއީލުގެ ކިބައިން ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓަށް ދިޔުމުގެ ފުރްސަތު ފަލަސްތީނަށް ފަހިވެގެންދާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެ އެވެ. -- އަލްޖަޒީރާ