ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މޯލްޑިވްސް ބިޒްނަސް އެވޯޑްސް ގެ ޓްރޮފީ ދައްކާލައިފިއެވެ.

މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވޯޑު ދައްކާލާފައިވާއިރު، މި އެވޯޑަށް 100 އަށް ވުރެ ގިނަ ކުންފުނިން ވަނީ ކުރިމަތިލަައިފައެވެ.

ބިޒްނަސް އެވޯޑު ފަރުމާކޮށްފައިވަނީ ފެހުރިހީގެ ޑިޒައިނަށެވެ. އެވޯޑު ފަރުމާކޮށްފައިވަނީ ޕްރޯ ޑިޒައިނާސް އިންނެވެ.

ބްލޭޒަން އިންކުން އިންތިޒާމުކުރާ މި އެވޯޑުގެ ޖަޖިން ފަށާފައިވާއިރު އެވޯޑު ހަފްލާ ނުވަތަ ގާލާ އޮންނާނީ މި މަހުގެ ފަހުކޮޅު ކަމަށް ބްލޭޒަން އިންކުން ބުނެއެވެ.

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަލްއުސްތާޒް އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާ ތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްލޭޒަން އިންކުގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޑިރެކްޓަރު އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ މި އެވޯޑަކީ ވިޔަފާރިތައް ކުރިއަރައިދިއުމަށް ހިތްވަދުދިނުމަށް ދޭ އެވޯޑެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެހެން ގައުމުތަކުގައިވެސް އިނޮވޭޝަން ކުރިއަރައި ދާގޮތަށް އަޅުގަނޑުމެންގެ ތެރޭގައިވެސް އިއްޔެ އަށް ވުރެ ބޮޑަށް މިއަދު ރަނގަޅަށް މަސައްކަތްކޮށް ކުރިއަރައިދިއުން،" ސަރުވަޝް ވިދާޅުވިއެވެ.