ބޮލީވުޑްގެ މަޝްހޫރޫ ތަރި ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ދަޅަކް' އަށް ސަތޭކަ ކްރޯޑް ރުޕީސް ހަމަވެއްޖެ އެވެ.

"ދަޅަކް" އަށް ސަތޭކަ ކްރޯޑް ހަމަވުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ވަނީ ޓްވިޓާ ގައި ޕޯސްޓެއްވެސް ކޮށްފައެވެ. އޭނާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އައު ދެތަރިން ގޮވައިން މަސައްކަތްކުރި ފިލްމު ވަރަށް މަގުބޫލުވެއްޖެ ކަމާއި އެތަރިންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި "ދަޅަކް" އަކީ ޝަޝާންކް ޚައިތަން ޑައިރެކްޓްކޮށް ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށްފައިވާ ލޯބީގެ ފިލްމެކެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރި އެ ފިލްމަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ.

ދަޅަކް ގެ ޕޯސްޓަރެއް---

'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް' ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.