18 Sep 2011, 02:04
އެމްއެސްއޭ ޔޫކޭ އަށް 25 އަހަރުފުރުން ފާހަގަކުރުމުގެގޮތުން ރޭ ދަރުބާރުގޭގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި އެ ޖަމްޢިއްޔާ ގެ ފައުންޑަރ މެނަބަރެއްކަމަށްވާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަފްލާގައި ޖަމްޢިއްޔާގެ ފައުންޑަރ މެނަބަރެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޖަމްޢިއްޔާ އުފެއްދުމާއި ޖަމްޢިއްޔާގެ ހިންގާ ގަވާއިދު ހެދުމުގައި އެންމެ ބޮޑު އިސްދައުރެއް އަދާކުރެއްވި ބޭފުޅަކީ އަޙުމަދު ތަސްމީން އަލީކަމަށެވެ. ތަސްމީނަކީ އެ ޖަމްޢިއްޔާގެ ފުރަތަމަ ނާއިބު ޗެއަރ ކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ތަސްމީނަށް ވަރަށް ތައުރީފްކޮށް ވާހަކަފުޅުދައްކަވާފައެވެ.
"އަޅުގަނޑު ދަންނަވަން ބޭނުން. ޖަމްޢިއްޔާއެއް ހެދުމުގެ ފިކުރާއި އަދި ޖަމްޢިއްޔާގެ ހިންގާ ގަވާއިދު ހެދުމުގެ ފިކުރާއި އެ އިންތިޒާމްތަކުގައި އެންމެ ބޮޑަށް އުޅުއްވި އެއްބޭފުޅަކީ ތަސްމީނ.ް މުޅި ޖަމްޢިއްޔާ އުފެދިގެން އައީ ރަނގަޅު ތެދުފުޅެއް މުހައްމަދު އަލީގެ ފިކުރާވެސް އެކުގަ. އެހެންނަމަވެސް ޖަމްޢިއްޔާއެއްގެ ސިފަގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވީ އަޅުގަނޑު ހަނދާންވާގޮތުގަ ތަސްމީން"
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ ޖަމްޢިއްޔާއަކީ ބޮޑު ޖަމްޢިއްޔާއެއްގެގޮތުގައި ހީވިޔަސް ޖަމްޢިއްޔާއިން ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވަނީ ވަރަށްމަދު މީސްކޮޅެއްކަމަށާއި ޖަމްޢިއްޔާގެ އެންމެ ބޮޑު އެއް ސިފަޔަކީ ނުފެނުންކަމަށެވެ.
ރޭ ބޭއްވި އެޖަމްޢިއްޔާގެ ބައްދަލުވުމަށް ޖަމްޢިއްޔާގެ ވަރަށް ގިނަބޭފުޅުން ވަޑައިނުގެންނެވީތީ އުފާކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އެ ޖަމްޢިއްޔާގެ ފުރަތަމަ އެޑްވައިޒަރީ ކައުންސިލް މެންބަރ ޑރ. އާމާލް އަލީވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރޭގެ ހަފްލާއަށް ހާޒިރުވެފައިވަނީ ނޫސްވެރިންނާއެކު ގާތްގަނޑަކަށް ފަންސާހަކަށް މީހުންކަން ފާހަގަކޮށްލެވެއެވެ.
ރޭގެ ހަފްލާގައި އެޖަމްޢިއްޔާއިން ހިންގި "ގޯ ޓީޗް އަގެއިން" ޕްރޮގުރާމްގެ ބައިވެރީންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ރޭގެ ހަފްލާގައި އެޖަމްޢިއްޔާއިން ވަނީ ކުޑަކުދިންގެ ހިޔާއަށް ދިހަހާސް ރުފިޔާގެ ފައިސާގެ އެހީއެއްވެސް ވެދެއްވާފައެވެ.
އެ ޖަމްޢިއްޔާއަކީ އިނގިރޭސިވިލާތުގައިތިބި ދިވެހި ކިޔަވާކުދިންތަކެއް ގުޅިގެން 1986 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.