ޖެންޑާ މިނިސްޓްރީގެ ނާއިބް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގދ. ރަތަފަންދޫ ކާށިގަސްދޮށުގޭ ޑރ. ސުނީނާ ރަޝީދު އައްޔަންކުރައްވައިފި އެވެ.

ޑރ. ސުނީނާ ''ސަން'' އަށްް މައުލޫމާތު ދެމުން ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ނާއިބުގެ މަގާމަށް އައްޔަންކުރެވިކަމުގެ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ޑރ. ސުނީނާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސުނީނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި އެމަނިކުފާނު ދެއްވި ސްކޮލަޝިޕެއްގެ ދަށުންނެވެ.

ސުނީނާ ޕީއެޗްޑީ ހާސިލް ކުރެެއްވީ ރާއްޖޭގެ މުދައްރިސުން ތަމްރީންކުރުމުގެ މައިދާނީ ތަމްރީނު މިހާރު ހިންގާ ގޮތާއި ދިމަވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެ ތަމްރީންތައް ރާވާ ހިންގިދާނެ ގޮތްތަކާ ބެހޭ ގޮތުން އޭނާ ކުރި ދިރާސާގެ މައްޗަށެވެ.

ތައުލީމީ ދާއިރާގެ ގިނަ ހަރުފަތްތަކެއް ގިރާކޮށް ތަޖުރިބާތަކެއް ލިބިފައިވާ ޑރ. ސުނީނާ ވަނީ ސީއެޗްއެސްސީގެ ސުޕަވައިޒަރެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.