ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރު ކަމުން ދަފްތަރު ނަންބަރު 5095، ޚަދީޖާ ޙުސައިން ވަކިކުރައްވައި އެ މަގާމަށް ބ. އޭދަފުށި، ދިގަލި މަޢުޞޫމާ ޔޫސުފް މިއަދު އައްޔަނު ކުރައްވައިފި އެވެ.

މައުސޫމާ އަކީ ޕަބްލިކް ސާވިސް މީޑިއާގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އޮޑިޓަރު ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް ޓަކައި މުސްތަގިއްލުކަމާ އެކު މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވާ ކޮމިޝަނެކެވެ.

އެ ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ

  • ހޯމްމިނިސްޓަރު އަހުމަދު އަޒްލީން (ރިޔާސަތު)

  • ރައީސް އޮފީހުގެ ސުޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު
  • މައުސޫމާ ޔޫސުފް
  • ޑރ. އިބްރާހިމް މަހުފޫޒް
  • މުހައްމަދު ސަލީމް (ރޭނިސް ސަލީމް)

އެ ކޮމިޝަނުގެ މަސައްކަތަކީ ދައުލަތަށް ގެއްލިފައިވާ 29 ބިލިއަން ރުފިޔާ ހޯދުން ކަމަށް މިނިސްޓަރު އަޒްލީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.