އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި އެވެ.

މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ސިންގަޕޫރާއި މެލޭޝިއާގައި އިދިކޮޅު ކެމްޕެއިން ހިންގާ އިސް ފަރާތްތަކާ ބައްދަލު ކުރެއްވި ކަމަށެވެ. އެގޮތުން މިހާރު ރި-ރެޖިސްޓްރޭޝަން ގޮސްފައި އޮތް ހިސާބާއި އިންތިހާބަށް ކުރައްމުން ގެންދާ ކަންކަން އޮޅުން ފިލުވި ކަމަށް އިބޫ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ ރި-ރެޖިސްޓްރީ ކުރަން އެމްބަސީތަކަށް ހުށަހަޅާ ފޯމުތައް ރެޖިސްޓްރީ ނުވެ ގިނަ ދުވަސްވާ ކަމުގެ ޝަކުވާ އެބައާދޭ އަޅުގަނޑުމެންނަށް. އެހެންވީމަ އެއާ ދޭތެރޭގައި ކަންބޮޑުވުނަތަކެއް އެބަހުރި." އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއަށް އިންވެސްޓް ކުރައްވާފައި ހުރި ބައެއް ފަރާތްތަކުން ބައްދަލުކޮށް ކޯލިޝަނުގެ ސިޔާސަތުތައް އޮޅުން ފިލުވި ކަމަށް އިބޫ ވިދާޅުވި އެވެ.

ކުރިއަށް އޮތީ އަނެއްކާ ވެސް ރަށްރަށަށް ދަތުރު ކުރުން ކަމަށާއި އާދިއްތަ ދުވަހު ތ. އަދި ލ. އަތޮޅަށް ފުރާވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ އިތުރުން ހޮނިހިރު ދުވަހު މާލޭގައި ޑޯޓޫޑޯ ވެސް ކުރިއަސް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މާދަމާ ހުކުރު ދުވަހު ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތެއް ހިނގާނެ. އަދި ހޮނިހިރު ދުވަހު ޑޯޓު ޑޭއެއް މާލޭގައި ހިނގާނެ." އިބޫ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ކުރިއަށް އޮތް ދެދުވަހެއް ތެރޭގައި މުޅިން ފައިނަލްވެ އާންމު ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. މިހާރު ވެސް އާންމު ކުރަމުންދާ ސިޔާސަތުތަކަކީ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާ އިންތިހާބުވެއްޖެ ނަމަ އަމަލު ކުރާނީ ހަތަރު ސިޔާސީ ލީޑަރުންގެ މެދުގައި އެއްބަސްވެފައި އޮތް އެއްބަސްވުމެއްގެ މައްޗަށް ކަމަށާއި ވަކި މީހެއްގެ ނުފޫޒަކުން ކަމެއް ނުކުރާނެ ކަމަށެވެ.

އަތޮޅުތަކަށް އިބޫ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި ވޭތުވެ ދިޔަ ހަފްތާގައި ވަނީ ބ. އަތޮޅަށް ވަޑައިގެންފަ އެވެ.