ހުޅުމާލޭ ދެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން އަމިއްލަ ފަރާތަކާ އެކު ސޮއިކޮށްފި އެވެ.

ދެވަނަ ފިޔަވަހީގަައި މިސްކިތް ބިނާކުރަން ސޮއިކޮށްފައި ވަނީ ހިލޭސާބަހަށް މިސްކިތެއް ބިނާކުރަން އެދި ހުށަހެޅި އަމިއްލަ ފަރާތެއް ކަމަށްވާ ސައުދު ޔޫސުފް އާއެކު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ލީގަލް އެފެއާޒް ޑިރެކްޓަރު ޑރ. ފާތިމަތު ޝިއުނީ އެވެ.

އެ މިސްކިތަކީ އެއްފަހަރާ 650 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައަކާ އެކު ތަރައްގީކުރާ މިސްކިތެކެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ނިންމި ދެވަނަ މިސްކިތެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން އެޗްޑީސީ އިން ވަނީ މިދިޔަ އަހަރު ވެސް ބަޔަކާ އެކު ސޮއިކޮށްފަ އެވެ.

ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން ބަޔަކާ އެކު އެއްބަސްވެފައިވާ އިރު، ހިޔާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެޗުޑީސީ އިން ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިހާރު ހަތް މިސްކިތެއް ހުރެ އެވެ. ފުރަތަމަ ފިޔަވަހީގައި މިސްކިތް ބިނާކޮށްފައި ވަނީ ކޮންމެ ނެއިބާހޫޑެއްގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި މަދުވެގެން އެއް މިސްކިތް ހުންނާނޭހެން ކަމަށް އެޗްޑީސީ އިން ބުނެ އެވެ.