02 Aug 2018, 14:42
ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިރާއްޖޭގެ ކަނޑުތަކާއި ފަރުތައް، އަދި ގޮނޑުދޮށްތަކާއި ރަށުތެރެ ހިމާޔަތްކޮށް ރީތިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވެފައިވާ ކަންތައްތަކެވެ. ސަބަބަކީ އާންމުންނަށް، މި ކަމުގެ ނުރައްކާތެރިކަން ރަނގަޅަށް އިހްސާސްކޮށްދެވިފައި ނުވުމެވެ.
ރާއްޖޭގެ ތިމާވެށި ސާފުތާހިރު ކަމާއެކު ރައްކާތެރިކޮށް ބޭއްވުމަށް އެކި ފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރަމުންދާއިރު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަންނަނީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތްތަކަކީ ކުންފުނިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތައް ކަމުގައި ވީނަމަވެސް، ތިމާވެށި ހިމާޔަތްކުރުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ އެއް ކަންތަކެވެ.
"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ތިމާވެށްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުންފުނީގެ އެކްސްޓެންޑަޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ (އީޕީއާރް)ގެ ދަށުން އެމްޑަބްލިއުއެސްސީ އިން ދަނީ މިހާރުވެސް ގިނަގުނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އޯގަސްޓް 4 އިން 6 އަށް "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް " ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒަކީ ފާހަގަކޮށްލެވޭ ހަރަކާތެކެވެ. މިއީ އެމްޑަބްލިއުއެސްސީ އިން މިމުބާރާތް އިންތިޒާމް ކުރާ ދެވަނަ އަހަރެވެ.
އެމްޑަބްލިއުއެސްސީ ރިސައިކަލްސް އަކީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިކުރެވޭ ތަކެއްޗަކީ ބެނުން ކުރެވިފައިވާ ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ފަދަ ތަކެތި ބޭނުން ކޮށްގެން ތައްޔާރުކުރެވިފައިވާ ހުށަހެޅުންތަކެއް ދައްކުވައިދޭ މައުރަޒެކެވެ.
ތިމާވެށްޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީ އިން ބާއްވާ މައުރަޒުގައި، ސްކޫލްތަކުގެ ވަރަށް ގިނަ ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ އެކި ފަރާތްތަކާއި އާންމުންގެ ވަރަށް ގިނަ ބަޔެއް ވަނީ ބައިވެރިވެފައެވެ. މި މައުރަޒުން ވަނަ ވަނައަށް ދާ ފަރާތްތަކައް އަގުހުރި ފައިސާގެ އިނާމުތަކެއްވެސް ހުށަހެޅިފައިވާ އިރު މިއީ ބޭނުން ކުރެވިފައިވާ ޕްލާސްޓިކް ބޭނުންކޮށް ގެން ބޭއްވޭ އެންމެ އަގު ބޮޑު މަބާރާތްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މި މުބާރާތުން ވަނަ ވަނައަށް ދާ ފަރާތްތަކަށް މުޅި ޖުމްލަ 540,000 ރުފިޔާ ވަނީ ހުށަހެޅިފައެވެ.
މިވަގުތު ރާއްޖޭގައި ތިއްބެވި މަޝްހޫރު ތިން ފަންނުވެރިން ކަމުގައިވާ އަޙްމަދު ސުވޭބް، އިސްމާއީލް އާސިފް އަދި އަބްދުالله ނަޝާތު ފަނޑިޔާރުކަން ކޮށްދެއްވާ "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް" ގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދާ ފަރާތްތަކައް އިނާމާއި ހަނދާނީ ލިޔުން ހަވާލްކުރުން 3 އޮގަސްޓް 2018 ވާ ހުކުރު ދުވަހުރޭ ދެވިގެންދާނެއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީތަކެއްވެސް ހިމެނިގެން ކުރިއަށް ގެންދެވޭ މި މައުރަޒުން އެ ފަރާތްތަކުގެ އެއްބާރުލުމާއި ހުނަރުވެރިކަން ފެނިގެންދާނޭ ކަމީ، މި މުޖްތަމަޢުގައި އެފަދަ ކުދިންނަށް ފުރުސަތުއޮތް މިންވަރު ހާމަވެގެންދާ ކަމެއްކަންވެސް ފާހަގަކޮށްލަމެވެ. އެމްޑަބްލިޔުއެސްސީ އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިފަދަ ފުރުސަތެއް ހުޅުވާލުމަކީ އެފަރާތްތައް ބާރުވެރިކޮށް، އެފަރާތްތަކުގެ ދައުރާއި ހިއްސާ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހިތްވަރެއްކަންވެސް ފާހަގަކޮށްލަމެވެ.
މިމައުރަޒާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފަނޑިޔާރުން ފާހަގަކުރެއްވީ މިދިޔަ އަހަރުގެ މައުރަޒަށްވުރެން މިއަހަރުގެ މައުރަޒުގައި ހުށަހަޅާފައިވާ ތަކެތީގެ ފެންވަރު މަތިކަމަށާއި ކުދިންގެ ހުނަރު ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.
"މިދިޔަ އަހަރަށް ވުރެން ބައިވެރިކޮށްފައިވާ ތަކެތީގެ ފެންވަރު މަތިކަން ފާހަގަ ކުރެވޭ، ކުދިންގެ ހުނަރަވެސް ރަގަޅުކަމަށް ފާހަގަ ކުރެވޭ. އަދި އޭގެ އިތުރުން ވަރަށް ބޮޑަށް ކުދިން ހޭލުތެރިވެފައިވަނީ ތިމާވެށީގެ މައްސަލަތަކަށް" މިމައުރަޒު އިންސާފް ކޮށްދެއްވި އެއް ފަނޑިޔާރުކަމަށްވާ އިސްމާއިލް އާސިފް ވިދާޅުވިއެވެ.
'އެމްޑަބްލިޔުއެސްސީ އިން ހިންގާ ތިމާވެށްޓާ ގުޅުން ހުރި ހަރަކާތްތަކުގެ ދަށުން، މިދިޔަ ޖޫން މަހުގެ ތެރޭގައި، ޕުލާސްޓިކް ހުސް ފުޅި ރީސައިކަލް ކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީއިން ވަނީ "ސްމާޓް ބިން" ނަމުގައި ޕުލާސްޓިކް ހުސް ފުޅި އަޅާ ރިވާރސް ވެންޑިންގ މެޝިނެއް މާލެގައި ބަހައްޓާފައެވެ. މިމެޝިނަކީ ރާއްޖެއަށް އަލަށް ތައާރަފް ކުރެވިގެންދިޔަ އާންމުންގެ ފުރިހަމަ ތަރުޙީބް މިކަމަށް ލިބެމުންދާ ޚިދުމަތެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.
އެމްޑަބްލިޔުއެސް.ސީ އިން މަސައްކަތް ކުރަމުންދަނީ މީގެ އިތުރު "ސްމާޓް ބިން" އެއް ޔޫތް ސިޓީ ގައި މިއަހަރުގެ ތެރޭގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.