އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަރުތާ، ތައިލެންޑާ ހަވާލުކުރުމަށް އެގައުމުން ގޮވާލައިފި އެވެ.

ޔިންގްލަކްގެ ވެރިކަން ވެއްޓުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ތައިލެންޑްގެ ސަރުކާރުން އެކަމަނާއާ ދެކޮޅަށް ކުރި ދައުވާތަކާ ގުޅިގެން އެކަމަނާ ވަނީ މިދިޔަ އަހަރު އެ ގައުމު ދޫކޮށް ގޮސްފަަ އެވެ.

އެކަމަނާ މީގެ ކުރިން ފިއްލަވައިގެން ޑުބާއީއަށް ވެސް ވަޑައިގަތް ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ޔިންގްލަކްގެ ގައިރު ހާޒިރުގައި ތައިލެންޑްގެ ކޯޓަކުން ވަނީ އެކަމަނާގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.

ޔިންގްލަކް އިނގިރޭސިވިލާތު ސަރުކާރާ ހަވާލުކުރުމަށް އެދި ތައިލެންޑް އެމްބަސީން ފޮނުވާފައިވާ ސިޓީއެއް އޭއެފްޕީ ނިއުސް އޭޖެންސީ ވަނީ ހާމަކޮށްފަ އެވެ. އެ ސިޓީއަކީ އަސްލުއެއްޗެއް ކަމަށް ޔިންގްލަކް ނިސްބަތްވާ ޕާޓީ ބަޓް ޕިއު ތައި އިންވެސް ވަނި ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ ޕާޓީން ބުނީ ޔިންގްލަކްއާ ދެކޮޅަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އަދި އިނގިރޭސިވިލާތުން އެކަމަނާ ތައިލެންޑާ ހަވާލު ނުކުރާނެ ކަމަށެވެ.

ތައިލެންޑާއި އިނގިޜޭސިވިލާތާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އޮވެ އެވެ.

ޔިންގްލަކްގެ އާއިލާއަކީ ތައިލެންޑްގައި ވަރަށް ސިޔާސީ ނުފޫޒު ގަދަ އާއިލާއެކެވެ. އެކަމަނާގެ ބޭބެ ތަކްސިން ޝިނަވަރުތާ ވެސް ވަނީ ކުރިން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

ތައިލެންޑްގެ މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި ޔިންގްލަކްއާ އޭނާގެ އާއިލާއަކީ ކޮރަޕްޝަނުން ފޯވެފައިވާ ބައެކެވެ.