02 Aug 2018, 14:29
ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސް އަހަރުތުކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ އަދި މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ފިލްމެއް މިއަހަރު ރިލީޒް ކުރި ނަމަވެސް އޭނާގެ އިތުރު ފިލްމު ތަކެއްގެ މަސައްކަތް ނުނިމި ސިނަމާއަށް ނައިސް ވެސް އެބަހުއްޓެވެ.
މީގެ ހަތަރު މަސް ކުރިން "ރޭވުމުން" ކިޔާ ފިލްމެއް ސްކްރީނަށް ގެނެސްފައިވާ އިރު އެއީ އޭނާގެ 52 ވަނަ ފިލްމެވެ. ނަމަވެސް އޭނާގެ 50 އަދި 51 ވަނަ ފިލްމު ނައިސް މި އަހަރު ފިލްމެއް ބެލުންތެރީނަށް ގެނެސް ދިނުމުން ބެލުންތެރިންގެ ހިތުގައި ވަނީ ސުވާލު ތަކެއް އުފެދިފައެވެ. އަމްޖޭގެ ފިލްމު ތަކެއް ފޮލްޕް ވީބާއެވެ.؟
"އަސްލު ޔޫއްޕެ ވެސް އަދި ފިލްމުގައި އުޅޭ އެހެން ތަރިންގެ ފަރާތުންވެސް ވަރަށް އެއްބާރުލުންދޭ. އެމީހުން ގުޅާފަ ބުނޭ ފިލްމު އަވަހަށް ރިލީޒު ކުރަން އުޅޭށޭ. އެހެންވެ ޔަގީންކަން އެބަ އޮތް މިއަހަރު އަނެއްކާވެސް ފިލްމު ފެންނާނެ ކަމުގެ،"މިއީ މީގެ އެއް އަހަރާއި ފަސް ވަރަކަށް މަސް ކުރިން ގިލަން އާ ބެހޭގޮތުން ސަންއަށް ދިން އިންޓަވިއުއެއްގައި އަމްޖޭގެ ވާހަކަ ކޮޅެކެވެ.

އަޒޫ ގިލަންގެ މަންޒަރެއްްގައި...
ފިލްމުގެ ކާސްޓުން ވެސް ފިލްމު އަޅުވަން ބޭނުންވި އިރު ޚުދު އަމްޖޭވެސް މިނިވަން 50 އާ ދިިމާކޮށް ވެސް ފިލްމު އަޅުވަން މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ކުރީގެ އިންޓަވިއުގައި ފާހަގަ ކޮށްގައެވެ. ނަމަވެސް މިހާރު މިއަހަރުވެސް ނިމުމަކާ ހަމަޔަށް ދަނީ އެވެ. އަދިވެސް "ގިލަން" ނުނިމެނީ ބާވައެވެ؟ ބެލުންތެރިން މި ފިލްމަށް ކިހާ ދުވަހަކު އަދި އިންތިޒާރު ކުރަން ޖެހޭނެ ބާވައެވެ؟
ދެން އޮތީ ވެސް މަސައްކަތް ނުނިމިގެން ލަސް ވެފައި އޮތް ފިލްމެއްގެ ވާހަކައެވެ. "ދޭތީ އަނިޔާ"ގެ ނަމުގައި ފިލްމެއް ވުޖޫދަށް ގެންނަން މަސައްކަތް ކުރަމުން ދިޔަ ކަމުގައި ވިޔަސް އެ ފިލްމަށް ވެސް ކުރަން ޖެހެނީ "ގިލަން" އަށް ކުރަމުންދާ ކަހަލަ ދިގު އިންތިޒާރެކެވެ.

އަމްޖޭ ގިލަންގެ ޝޫޓިންގައި....
2016 ވަނަ އަހަރުގެ މޭ މަހު މަސައްކަތް ފެށި "ދޭތީ އަނިޔާ" ގެ ޝޫޓިން ނުނިމިގެން ލަސް ވެފައި ވާއިރު އެއީ އަމްޖޭގެ 51 ވަނަ ޑައިރެކްޝަނެވެ. ހާމިދު އަލީ ޕްރޮޑިއުސްކުރާ އެ ފިލްމު ގެ ޝޫޓިންގެ ބައެއް ރާއްޖެއިން ބޭރުގައި ނަގަން ނިންމާފައިވާ ކަމަށް ވެސް ކުރިން އަމްޖޭ ވަނީ ބުނެފައެވެ.
ދިވެހި ފިލްމު "ހުރަސް" އިން ޑައިރެކްޓަރުގެ ދަތުރު ފެށި އަމްޖޭއަށް ގުޅާލީ، ވޭތުވެ ދިޔަ އަހަރުގައި ވެސް އޭނާގެ ފިލްމެއް ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމަށް ބުނެ، ނަމަވެސް އަހަރު ނިމުނު އިރުވެސް ފިލްމު ސްކްރީނުން ނުފެނުނީމައެވެ. "ގިލަން " އަށާއި " ދޭތީ އަނިޔާ" އަށް ވެފައި އޮތް ގޮތެއް އޮޅުން ފިލުވައިލާށެވެ.
" ދޭތީ އަނިޔާ އަދި ނުނިމޭ އެއްކޮށް ޝޫޓް ކޮށް، އަޅުގަނޑުގެ ފިލްމެއް މިއަހަރުވެސް ރިލީޒްކުރި، އެކަމަކު ގިލަން އަޅުގަނޑަށް ވަރަށް ހާއްސް، އެއީ އަޅުގަނޑުގެ 50 ވަނަ ޑައިރެކްޝަން ވީމަ ބޭނުން ވަނީ ވެސް ވަރަށް ހާއްސަ ކޮށްލަން،" ގިނަ ވީޑިއޯ ލަވަތަކެއް ވެސް ބެލުންތެރިންނަށް ގެނެސް ދީފައިވާ އަމްޖޭ ބުންޏެވެ.

ރިޝްފާ ދޭތީ އަނިޔާގެ މަންޒަރެއްގައި...
މި ދެ ފިލްމު ވެސް އެޅުވޭނެ ދުވަހެއް އިނގޭނެ ބާވައެވެ؟
"އަދި ނޭނގެ އެހެން ބުނާކަށް، ހިޔެއް ނުވޭ މި އަހަރު ފިލްމެއް ނިންމިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެޅުވޭނެ ހެނެއް، އެކަމަކު "ގިލަން" އަންނަ އަހަރު އެޅުވޭތޯ ބަލާނަން، ވަކި މަހެއް ބުނާކަށް ނޭނގެ" އެ ސުވާލުގެ ޖަވާބު އަމްޖޭ ދިނީ މިގޮތަށެވެ.
އެހެންވީމަ އަމްޖޭގެ ފިލްމު ތަކަށް ބެލުންތެރިން އަދިވެސް މިޖެހެނީ ދިގު އިންތިޒާރެއް ކުރާށެވެ. ވަރަށް ހަމަ ޖެހިގެން ފިލްމު ތައް ނިންމަން އަމްޖޭ ބޭނުން ވަނީ ކަމަށް ވެދާނެއެވެ.