ސެޕްޓެމްބަރ 23ގައި ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބާއި ގުޅުންހުރި ކަންބޮޑުވުންތަކެއް އިދިކޮޅު ޕާޓީތަކުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހަޅައިފިއެވެ.

މިއަދު ހެނދުނު އެޗްއާރުސީއެމަށް ވަޑައިގެން އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވައި ބޭރަށް ނުކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މައިގަނޑު ފަސް ކަމެއް ލިއުމުން ވާނީ ހުށަހަޅާފައިކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އެޗްއާރުސީއެމް މެންބަރުންނާ ބައްދަލުކުރައްވަނީ ---

އެގޮތުން ބައެއް މީހުނަށް ނޭނގި އެ މީހުންގެ ނަމުގައި ފޭކް ރީ-ރެޖިސްޓްރޭޝަން ފޯމްތަކެއް ހުށަހަޅައިގެން ވޯޓުލާން ޖެހޭ ތަން ބަދަލުކޮށްފައިވުމާއި ރީ-ރެޖިސްޓްރީކުރުމަށް ސިވިލް ސާވެންޓުންނަށް މަޖުބޫރުކޮށް އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމުގެ ޝަކުވާތަކެއް ލިބިފައިވުމުން އެކަން އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުގެ ތައްގަނޑު ޖަހައިގެން ނޫނީ ފޯމް ތައް ހުށަނޭޅޭ މައްސަލަ ވެސް އެޗްއާރުސީއެމަށް ހުށަހެޅި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިވަރު ބޮޑެތި ބިރުވެރިކަން އޮތް ހާލަތެއްގެ ތެރޭގައި މިނިވަން އިންސާފްވެރި އިންތިހާބެއް ބާއްވަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ދައުލަތުގެ މުއައްސަސާތަކުން ކުރަން އެބަ ޖެހޭ. އެހެންވީމަ އަޅުގަނޑުމެން އުފާކުރަން މިއަދު އެޗްއާރުސީއެމުން އަޅުގަނޑުމެންނާ ބައްދަލުކޮށް އެބޭފުޅުންގެ ވެސް ހަމަ މި ކޮންސާރންތައް ހުރި ވާހަކަ ވިދާޅުވީމަ،" ރޮޒައިނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އެޗްއާރުސީއެމްގެ މެންބަރުންނާ ބައްދަލުކުރައްވައި މީޑިއާތަކަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހާތީ އެ ޝަކުވާ ވެސް އިދިކޮޅު ފަރާތްތަކުން އެޗްއާރުސީއެމަށް މިއަދު ހުށަހެޅިއެވެ. އަދި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރުމަކީ އެތައް ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއްކަން ފާހަގަކޮށް އެކަންވެސް އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޮޑަށް މި އެދެނީ ވޯޓު ލުމުގެ ކަންތައްތައް ފެށިގެން ދާއިރުގައި އަޅުގަނޑުމެން މިހާރު މި ހުށަހަޅާ ޝަކުވާތައް ނުވަތަ މި ކަންބޮޑުވުންތައް ހަގީގަތަކަށްވެ މިކަން ފެންނަ ދުވަހަކުން އަޅުގަނޑުމެން ދެކޭ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އަޅުގަނޑުމެންނާއި އެކު ވަކާލާތު ކުރައްވަން ތިއްބަވާނެ ކަމަށް ގަބޫލުކުރަނީ،" އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވިއެވެ.