02 Aug 2018, 19:13
ދެކުނު އެފްރިކާގައި ދޮންް ނަސްލުގެ މީހުން، ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ގެންގުޅުނު ވަރުގަދަ ނަސްލީ އިމްތިޔާޒު "އެޕާތައިޑް" ގެ ދުވަސްވަރު އަތުލާފައިވާ ދަނޑުބިންތައް، އެމީހުންގެ އަތުން ނަގަން އެ ގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ދެކުނުއެ އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ ވިދާޅުވީ ދޮން މީހުންގެ އަތުން ދަނޑުބިންތައް އަތުލާއިރު ބަދަލުނުދޭނެ ކަމަށާއި އަދި މިހާރު އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަޑައްތުކުރަން ޖެހޭ ޕްލޭންތައް ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
ސިރިލް ވިދާލުވީ ދޮން މީހުންގެ އަތުން ދަނޑުބިންތައް އަތުލުމަށް އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލުވެސް ގެންނާނެ ކަމަށެވެ.
ދޮން މީހުންގެ އަތުން މިނިވަންކަން ހޯއްދެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ލީޑަރު ނެލްސަން މަންޑޭލާވެސް ވަނީ ދޮންމީހުންގެ އަތުން ބިންތައް ލިބެންޖެހޭނެ ކަމަށް ބުނެ ވަރަށް ބޮޑަށް އަޑުއުފުލައްވައިފައެވެ. ނަމަވެސް މަންޑޭލާގެ ވަރިކަމުގައިވެސް ބިން އަތުލަމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ދޮން މީހުންގެ އަތުން ދަނޑުބިންތައް އަތުލުމަށް ދެކުނު އެފްރިކާގެ ގިނަ އަދަދެއްހެ ކަޅު ނަސްލުގެ މީހުން ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ. އެ މައްސަލައިގައި ދޮން ނަސްލުގެ ދަނޑުވެރިންގެ އެތައް ބަޔަކު ފަހަކަށް އައިސް މަރާލައިފައިވެސް ވެއެވެ.
ދޮން މީހުންގެ އަތުން ބިންތައް އަތުލަން އުޅޭތީ އެކަމަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. އެ ފަރާތްތަކުން ބުނީ ކުރިން ޒިމްބާބުވޭގައި އެގައުމުގެ ކުރީގެ ލީޑަރު ރޮބަޓް މުގާބޭ ދޮން މީހުންގެ ބިންތައް އަތުލެއްވިހެން އަތުލަައްވައިފިނަމަ ޒިމްބާބުވޭގައި ދަނޑުވެރިކަން ދަށަށް ދިޔަހެން ދެކުނު އެފްރިކާގައިވެސް ދަނޑުވެރިކަން ދަށަށް ގޮސް އިގްތިސާދީ މުސީބާތަަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.
ދެކުނު އެފްރިކާގެ އިތުރުން، ނެމީބިއާގެ މުއްސަނދި ދަނޑުބިންތައް ކޮންޓްރޯލް ކުރާ ދޮން ނަސްލުގެ މީހުންގެ އަތުން އެ ބިންތައް ނެގުމަށް އެގައުމުގެ ސަރުކާރުންވެސް ދަނީ ވިސްނަމުންނެވެ.
(އަލްޖަޒީރާ)