17 Sep 2011, 20:11
ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި މީޑިއާގެ ޒިންމާ އޭގެ އެންމެ ތަހުޒީބު ގޮތުގައި އަދާ ކުރުމަށް ސަން މީޑިއާގެ ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސަންގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އިލްތިމާސްކުރައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ސަން އެފްއެމްގެ ތިން ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ހިތާބުގައި ވިދާޅުވީ، ސަންއެފްއެމް ވަނީ އޭގެ ދާއިރާ ފުޅާކޮށް މުޖުތަމައުގައި މީޑިއާ ސްޓޭޝަނެއްގެ ފުރިހަމަ މަގާމު ހޯދައިފަ ކަމަށެވެ. ސަން އެފްއެމްގެ ތަރައްގީއާ އެކު މީޑިއާ ސްޓޭޝަނެއްގެ ގޮތުން ފުޅާވެގެން ދިޔަ ހިދުމަތްތައް، މިއަދު މިވަނީ މީޑިއާގެ އާ ވަސީލަތްތަކެއްގެ ގޮތުގައި ތަރައްގީވެ، އަމިއްލަ ޝަޚުސީ ފުރިހަމަކަން ހޯދައިފައި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
އެގޮތުން ބަލާއިރު ސަންއެފްއެމްގެ ވެބްސައިޓްގެ ގޮތުގައި ވުޖޫދަށް އައި އޮންލައިން ނޫސް މިއަދު ވަނީ މުޅިން އާ ފޭރާމެއްގައި، މުޅިން އާ އުސްމިންތަކަކަށް ދަތުރުކޮށް މުޅިން އާ މިޑިއާއެއްގެ ގޮތުގައި، "ސަން ޑޮޓް އެމް ވީ" ގެ ނަމުގައި ތަރައްގީ ވެފައި ކަމަށާއި މިއީ މިއަދު ރާއްޖޭގައި އެންމެ މަގުބޫލު އޮންލައިން ނިއުސްގެ ތެރެއިން އެއް ނޫސް ކަމަށް ސިޔާމް ވިދާޅުވި އެވެ.
އަދި ސަން އެފްއެމްގެ ކުޑައިގެ ދަށުން ވުޖޫދަށް އައި މަޖައްލާ "ސަން"އަކީ ރާއްޖޭގެ އެންމެ މަގުބޫލު، އެންމެ މަޝްހޫރު އެންމެ ގިނަ ލިޔުންތެރިން ލިޔުއްވަމުން ގެންދަވާ ހަމަ އެކަނި މަޖައްލާ ކަން ވެސް ޗެއާމަން ފާހަގަކުރެއްވި އެވެ.
އަދި އެ ތިން މީޑިއާގެ ހިދުމަތް އެންމެ ފުޅާމިނުގައި ފެތުރިގެން ދިއުމުގެ ޖާގަ ތަނަވަސްކޮށް އެކަށީގެންވާ ފުރުސަތު ލިބިދިނުމަށްޓަކައި މިހާރު ވަނީ "ސަން މީޑިއާ ގްރޫޕް" ގެ ނަމުގައި އެއް ކުޑައެއްގެ ދަށަށް ޖަމާ ކުރެވިފައި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕް އުފެދިގެން މިދަނީ ރާއްޖޭގެ އާ ގާނޫނުއަސާސީގެ ތަރަހައިގެ ދަށުން، ރާއްޖޭގެ އިޖުތިމާއީ މިންގަނޑު ބަދަލުވެގެން ދިޔަ ނާޒުކު ވަގުތުގައި ކަމަށާއި ރާއްޖޭގެ ތާރީހު ކުރިން ދެކެފައި ނުވާ މިންވަރަށް، ފަރުދުންގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ގާނޫނީ އިމުގެ ތެރެއިން ޖާގަ ހުޅުވިގެން ދިޔަ ވަގުތެއްގައި ކަމަށް ވެސް ވިދާޅުވި އެވެ. "ސާފު ބަހުން ދަންނަވަނީ ނަމަ ދިވެހި ގައުމަށް މިފަދަ ހިދުމަތަކަށް އެންމެ ބޭނުން ބޮޑުވީ ވަގުތުގައި،" ސިޔާމް ވިދާޅުވި އެވެ.
"މިއަދު ރާއްޖޭގައި އޮތް ދައުލަތް ހިންގުމުގެ ނިޒާމުގެ އޮނިގަނޑަކީ ތަހުޒީބާއި އިންސާނީ ހައްގުތަކާއި ފަރުދުންގެ މިނިވަންކަމަށް ޖާގަ ހުޅުވިފައިވާ އެއްޗަށް ވީ ހިނދު، މި މަގުސަދުގައި، ހަމަ މި ރޫހުގައި
މީޑިއާ މަސައްކަތް ކުރުމުގެ މުހިންމުކަން ވަރަށް ވެސް ބޮޑު. މުޖުތަމައުގެ ބައިވެރިންނަށް ނުފުދިފައި ހުންނަ އުންމީދުތަކާއި، ގައުމުގެ ހިތްތަކުގައި އަޅާ ވޭނާއި، ދިވެހި ރައްޔިތުންގެ އުފަލާއި ހިތާމައާއި ރައްޔިތުންގެ ތަނަވަސްކަމާއި ތަރައްގީ އަކީ، މީޑިއާގެ ބެލެނިވެރިކަމުގެ ދަށުގައި ހުރެގެން އެންމެ ހޮޔޮމަގުން ހިނގަން ޖެހޭ ކަންކަން. މީޑިއާ އަކީ މިކަންކަމުގައި ރައްޔިތުންގެ ފަރާތުން އޮންނަ ފާރަވެރިޔާ. ދައުލަތް ހިންގުމުގެ ބާރުތައް އޭގެ އެންމެ އެދެވޭ ރޫހުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުމާއި އެންމެ ރަނގަޅު މަގުން ދައުލަތް ހިންގުމަށް ފާރަވެރިވެ ބާރު އެޅުމަކީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ނަމުގައި މީޑިއާ އިން ކުރަންޖެހޭ ކަމެއް،" ސިޔާމް ވިދާޅވި އެވެ.
އެ ޒިންމާތައް އަދާކުރުމުގައި އެންމެ ރީތި އަޚުލާއި ސްލޫކު ނެގެހެއްޓުމަކީ މީޑީއާގެ ވާޖިބެއް ކަމަށާއި މުޖުތަމައުގައި އޮންނަ ގައުމީ ތަރިކަ ރާއްކާތެރި ކޮށްދިނުމާއި، ފަރުދުންގެ ގައުމީ އަގީދާ ހިމާޔާތް ކޮށްދިނުމާއި، އިންސާނީ ހައްގުތައް ދިފާއު ކުރުމާއި، ޑިމޮކްރެސީއާއި ތަހުޒީބުގެ އެންމެ ރީތި ހަމަތައް އަބަދާ އަބަދު ނެގެހެއްޓުމަކީ ވެސް މީޑިއާގެ ވާޖިބެއް ކަމުގައި ސިޔާމް ވިދާޅުވި އެވެ.
"މީޑިއާ އަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުކަމުގައި ވެގެން ދާނީ މި ދެންނެވި ޒިންމާ އޭގެ ފުރިހަމަ ގޮތުގައި މީޑިއާއިން އަދާކޮށްދެވުނު ދުވަހަކުން. އެހެންކަމުން އިސްވެ ދެންނެވި ހަމަތަކުން ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި، މީޑިއާގެ ޒިންމާ އޭގެ އެންމެ ތަހުޒީބު ގޮތުގައި އަދާ ކުރުމަށް ސަން މީޑިއާގެ ގްރޫޕުގެ ހުރިހައި މެންބަރުންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން. މިއުސޫލުން މިހާރުވެސް ކުރައްވާ މަސައްކަތްޕުޅުތަކަށް ހިތްވަރުދެން. ޚިދުމަތްދޭ ކޮންމެ ދުވަހަކީ އާ ކުރިއެރުމަކާއެކު އިތުރު ޒިންމާދާރު ކަމާއެކު ހިދުމަތްކުރާ ދުވަހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަން. މީޑިއާގެ މައްޗަށް މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނޭ ކަން ޔަގީން ކުރަން." ސަންގެ ޗެއާމަން ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ﷲ ގެ ވާގިފުޅާ އެކު ސަން މީޑިއާ ގްރޫޕުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި އެމަނިކުފާނު އުންމީދުރަނީ "އަޅުގަނޑުމެންނާ ކުރިމަތިލާ ކޮންމެ އަހަރަކީ އިތުރު ތަރައްގީއާއި ކުރިއެރުމާއި އެކު ކުރިމަތިލާ އަހަރަކަށް ވުމަށް" ކަމަށެވެ. އަދި ސަންގެ ކާމިޔާބު ޓީމުން އެ ނަތީޖާ ނެރެދޭނޭ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ޗެއާމަންގެ ހިތާބުގައި ސަންގެ ޓީމަށާއި އަދި ސަންއެފްއެމްފެ އެހުންތެރިންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ.