Back
Nov 24, 2025 SUN
SUN

ސައުދީއާއި ޔޫއޭއީން ގަތަރަށް ހަމަލާ ދިނުން ހުއްޓުވީ ރެކްސް ޓިލާސަން: އިންޓަސެޕްޓް

ސައުދީއާއި ޔޫއޭއީން ގަތަރަށް ހަމަލާ ދިނުން ހުއްޓުވީ ރެކްސް ޓިލާސަން: އިންޓަސެޕްޓް
Lead photo

ދޯހާ(އޮގަސްޓު 2): މިދިޔަ އަހަރު ސައުދީ އަރަބިއާއާއި ޔޫއޭއީން ގަތަރަށް ހަމަލާ ދޭން ރޭވުމުން އެމަސައްކަތް ހުއްޓުވީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ކަމަށް ރިޕޯޓުކޮށްފިއެވެ.

އިންވެސްޓިގޭޓިވް ނޫހެއް ކަމަށްވާ ދި އިންޓަސެޕްޓުގައިވާ ގޮތުން ސައުދީން ރޭވީ އެގައުމުގެ އެއްގަމު ފައުޖުތަކުން ގަތަރުގެ ބޯޑަރު ހުރަސްކޮށް، ޔޫއޭއީގެ އަސްކަރިއްޔާގެ އެހީއާއެކު ގަތަރަށް އަރައި، ވެރިރަށް ދޯހާ ހިފާށެވެ.

ނަމަވެސް ސައުދީ އަރަބިއާގެ އެ ރޭވުމާ ބެހޭ ގޮތުން ގަތަރުގެ ޖާސޫސީ އިދާރާތަކަށް އެނގުމުން، އެގައުމުން އެމައުލޫމާތު ޓިލާސަންއާ ހިއްސާ ކުރި އެވެ. އަދި އެއީ ނުރައްކާތެރި ރޭވުމެއް ކަމަށް ވިދާޅުވެ، ގަތަރަށް ހަމަލާ ނުދިނުމަށް ޓިލާސަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް އިލްތިމާސް ކުރެއްވި އެވެ.

އެހެންކަމުން ޓިލާސަންގެ ޕްރެޝަރާ ގުޅިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ގަތަރަށް ހަމަލާ ނުދޭން ނިންމި ކަމަށް އިންޓަސެޕްޓުގައިވެ އެވެ. ސަބަބަކީ އެހަމަލާގެ ސަބަބުން ސައުދީ އަރަބިއާ އާއި އެމެރިކާއާ ދެމެދު އޮތް ދުވަސްވީ ގުޅުން ގޯސްވެދާނެތީ އެވެ.

ނަމަވެސް އެރޭވުން ހުއްޓުވުމާ ގުޅިގެން އަބޫ ދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު ނުރުހުންވެ، ޓިލާސަން މަގާމުން ދުރުކުމަށް އެމެރިކާގެ ސަރުކާރަށް ހިތްވަރު ދެއްވިކަމަށްވެސް އެނޫހުގައިވެ އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް، ޓިލާސަން މަގާމުން ދުރުކުރެއްވި އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

އިންޓަސެޕްޓުން އެމައުލޫމާތު ހޯދާފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާގެ މެމްބަރުންނާއި އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުގައި މީގެ ކުރިން މަސައްކަތް ކުރި ދެ އޮފިޝަލެއްގެ ފަރާތުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހްރެއިން އިން ވަނީ ގަތަރާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައި، އެގައުމަށް ކަނޑުންނާއި، އެއްގަމުންނާއި، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލައިފައެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ.

ގަތަރުން ވަނީ އެތުހުމަތުތައް ދޮގުކޮށް، ސައުދީ އާއި އެހެން ގައުމުތަކުގެ ޝަރުތުތަކަށް އިޖާބަ ނުދޭނެ ކަމަށް ބުނެފައެވެ. (އަލްޖަޒީރާ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics