ރި-ރެޖިސްޓްރީވުމުން ދޭން ޖެހޭ އޮރިޖިނަލް ސްލިޕް ނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ދޮގުކުރައްވައިފި އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރި-ރެޖިސްޓްރީވާން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭން ބައެއް ފޯމުތަކަށް އޮރިޖިނަލް ސްލިޕްކޮޅު ނުދޭ ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރި- ރެޖިސްޓްރޭޝަނަށް ލީ ފޯމުތަކުގެ ތެރޭން 10،000 އަށް ވުރެ ގިނަ ފޯމުގެ ސްލިޕް މިވަނީ ނުލިބި. އެކި ފަހަރު އެކި ގޮތަށް މިކަމުގެ ޖަވާބު މި ލިބެނީ. ވަގުތީ ސްލިޕެއް ފުރަތަމަ ދިނުމަށް ފަހު މި ބުނަނީ ކުރިއަށް އޮތް ދެދުވަސްތެރޭގައި އައިމާ އޮރިޖިނަލް ސްލިޕް ލިބޭނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ ރި-ރެޖިސްޓްރީ ވުމުން ސްލިޕްކޮޅު ނުދީ ނުހިފަހައްޓާ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ވަރަށް ގިނަ އަދަދެއްގެ ފޯމު އެއްފަހަރާ ހުށަހެޅުމުން ލަސްވުމެއް އައިސްފައި ހުރެދާނެ ކަމަށާއި އެކަަމަކު ވެސް ސްލިޕް ކޮޅު ދޭ ކަމަށެވެ.

އެމްޑީޕީން 10،000 ފޯމަށް ވުރެ ގިނައިން ހުށަހެޅި ކަމަށް ބުނާ ވާހަކަ ވެސް ޝަރީފު ވަނީ ދޮގު ކުރައްވައިފަ އެވެ. ޝަރީފު ވިދާޅުވީ މިހާތަނަށް 27،000 ފޯމު ރި-ރެޖިސްޓްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީން 10،000 ފޯމު ހުށަހަޅާފައި ނެތް ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ދެން އެބޭފުޅުން މި ހުށަހަޅަނީ ވެސް 10 ފޯމުން ދިހަ ފޯމުން އެކި މީހުން އައިސް. އެކަމަކު އަދި 10،000 ފޯމެއް ހަމައެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.

ރި ރެޖިސްޓްރީ ކުރަން ހުށަހަޅާތަން ނޫން އެހެން ތަނަކަށް ރެޖިސްޓްރީކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައަށް ޝަރީފު ވިދާޅުވީ އެއީ "ބޮޑު ދޮގެއް" ކަމަށެވެ. ރި ރެޖިސްޓްރީ ކޮށްދޭނީ ރެޖިސްޓްރީވާނެ ހުށަހަޅާތަނަށް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ރި-ރެޖިސްޓްރީ ވާނެ އެދުމުގެ އެންމެ ފަހު ތާރީއަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.